24 Jan 2019, 16:12
ބެއިޖިން (ޖެނުއަރީ 24): ޗައިނާ އާއި އޮސްޓްރޭލިއާގެ ރަށްވެހިކަން އޮންނަ ލިޔުންތެރިއެއް އަދި ބްލޮގަރެއް ކަމަށްވާ ޔަންގް ހެންގްޖުން ޗައިނާއިން ހައްޔަރުކޮށްފި އެވެ.
ޔަންގްގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ޖާސޫސު ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ އެމްބަސީގެ އޮފިޝަލުންނަށް ޔަންގްއާ ބައްދަލު ކުރެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ޔަންގް ހައްޔަރު ކުރިކަން ހާމަ ކުރަން ޗައިނާއިން މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ޔަންގް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު ދޭން ދެކޮޅު ހަދާފަ އެވެ.
ޔަންގް ވަނީ މީގެ ކުރިން ޗައިނާގެ ފޮރިން މިނިސްޓްރީގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފަ އެވެ. ނަމަވެސް މިހާރު އޭނާ ދިރިއުޅެނީ އެމެރިކާގަ އެވެ.
ޔަންގްއަކީ ވާހަކަ ލިޔުންތެރިއެއްގެ އިތުރުން އޮންލައިންކޮށް ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ބްލޮގަރެކެވެ. އަދި އޭނާގެ ލިޔުންތަކުގައި ބައެއް ފަހަރު ވަނީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީއަށް ފާޑު ކިޔާފަ އެވެ.
ޔަންގްގެ އާއިލާގެ އެކުވެރިއެއް ކަމަށްވާ ވަޓްސަން މެންގް ބުނި ގޮތުގައި ޔަންގް އާއި އޭނާގެ އަންހެނުން ޗައިނާއަށް ދިޔައީ އޭނާގެ ދަރިފުޅުގެ ވިސާ ނަގަންވެގެންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާއިން ވަނީ ޔަންގްގެ އަނބިމީހާއާ ވެސް ސުވާލުކޮށްފަ އެވެ.
ޗައިނާއިން ޔަންގް ހައްޔަރު ކުރީ އެގައުމުން ކެނެޑާގެ ދެ މީހަކު ހައްޔަރު ކުރި ފަހުންނެވެ. އަދި އެމީހުން ހައްޔަރު ކުރުމުން އޮސްޓްރޭލިއާއިން ކަންބޮޑުވުން ފާޅު ކުރި ފަހުންނެވެ.
ޗައިނާ އާއި ކެނެޑާގެ ގުޅުން ގޯސްވީ ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ މިދިޔަ މަހު ހައްޔަރު ކުރުމުންނެވެ. މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން ވަނީ އޭނާ ދޫކޮށްލާފަ އެވެ.