24 Jan 2019, 15:56
ޚާރިޖީ ދާއިރާގައި ރާއްޖެއިން ގެންގުޅެމުން އައި އެހަކެރިކަމުގެ ގޮތްތައް މިހާރު ނެތި ހިނގައްޖެކަމަށާއި، ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ތެރެއަށް ވަދެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރާއްޖެއިން ވަނީ ކޮމަންވެލްތުން ވަކިވެ، އަދި ދެ ގައުމަކާއެކު ޚާރިޖީ ގުޅުން ކަނޑާލާފައެވެ. އަދި އަވަށްޓެރި ބައެއް ގައުމުތަކާވެސް ރާއްޖެއާ ދެމެދު އޮތީ މައްސަލަ ބޮޑުވެފައެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެއާ ހުރިހާ ގައުމަކާވެސް އޮތް ގުޅުން ކުރިއަށް ވުރެ "ވަރަށް ބޮޑުތަން ބަދަހިވެއްޖެ" ކަމަށެވެ.
"ބައިނަލްއަގުވާމީ އާއިލާގެ ތެރެއަށް އަޅުގަނޑުމެންނަށް ވަދެވިއްޖެ މިހާރު. ކުރީގެ އެކަހެރި ގޮތް ނެތި ހިނގައްޖެ މި ގެނެވުނު ބަދަލުތަކުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން ނިންމާފައެވެ. އަދި އެ ނިންމުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ސަރުކާރުން ގުޅުން ކަނޑާލި އިރާނާއި ގަތަރާ އަލުން ގުޅުން ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށެވެ.
"ގަތަރާ އިރާނާ އޮތް ގުޅުން އަލުން އިޔާދަކުރުމަށް ކުރަންޖެހޭ މަސައްކަތް ފޮރިން މިނިސްޓްރީން އެބަ ގެންދަވާ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖެއިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހު، ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް ގަތަރާއެކު ވިޔަފާރީގެ ގުޅުން ރާއްޖެއިން ބާއްވައެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއިން އިރާނާ ގުޅުން ކަނޑަލާފައިވެއެވެ. އެ ގުޅުން ކަނޑަލީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިރާނުން ނުފޫޒު ފޯރުވަމުން ގެންދާކަމަށް ބުނެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ގެންދަނީ ގިނަ ގައުމުތަކަކާ އޮތް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ވަނީ އަލުން އިޔާދަކޮށްފައެވެ. ރައީސް ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގެންނެވި އިރު، ރައީސް ސޯލިހުވެސް ވަނީ ޑިސެމްބަރު މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.