06 Oct 2011, 15:25
ލަންކާގެ ދެކުނުގެ އައްސޭރިފަށުގެ ހަމްބަންޓޯޓާގައި އަންނަ ހޮނިހިރު ދުވަހު ފަށާ އެއްވަނަ ސައުތު އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ނެޓްބޯޅައިގެ އަމާޒަކީ ފައިނަލަށް ދަތުރު ކުރުން ކަމަށް ޓީމާއެކު މިއަދު ލަންކާއަށް ފުރި އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ނަސީރު އިސްމާއިލް ބުނެފިއެވެ.
ބީޗް ގޭމްސްގައި ޖުމްލަ 11 ކުޅިވަރަކުން 31 އިވެންޓް އޮންނައިރު 1000 އަށް ވުރެ ގިނަ އެތުލީޓުން ގޭމްސްގައި ވާދަކުރެ އެވެ. އަދި ރާއްޖެއިން ބައިވެރި ވަނީ ހަތް ކުޅިވަރަކުންނެވެ.
ރާއްޖޭގެ ނެޓްބޯޅަ ޓީމް ލަންކާއަށް ފުރުމުގެ ކުރިން މިއަދު މެންދުރުފަހު އެއްނަންބަރު ފާލަން ކައިރިން ނަސީރު ބުނީ، މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ވާދަކުރާ ޓީމް ތަކަކީ ގާތްގަނޑަކަށް ރާއްޖެއާ އެއް ފެންވަރެއްގެ ޓީމްތަކެއް ކަމަށެވެ. އެހެން ކަމުން ޓީމްގެ އަމާޒަކީ ފައިނަލަށް ދަތުރު ކުރުން ކަމަށެވެ.
މުބާރާތުގައި ވާދަކުރުމަށް ލަންކާއަށް މިއަދު ފުރި ނެޓްބޯޅަ ޓީމްގައި ހިމެނޭ ކުޅުން ތެރިންނަކީ، ނަޒުރާ ނައީމް، ފާތުމަތު ނާޒިމާ، އާމިނަތު އަބްދުލް އަޒީޒް، ރާޝިދާ ޔޫސުފް، ސިފާނާ އަލީ، އާމިނަތު ރިމްޝާން އަދި އާމިނަތު ސަމާއެވެ. ޓީމްގެ ކޯޗަކީ ރީމާ އަބްދުލް ސައްތާރެވެ.
މުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 4:00 ޖަހާއިރެވެ.