ސިނަމާލެ ބުރިޖުގައި ހަރުކުރާ ކެމެރާއިން، އެތަނުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ބެލޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ބުރިޖުގައި ހަރުކުރާނެ ސްޕީޑް ބެލޭނެ ކެމެރާ ހޯދުމަށް އެދި މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ އެހެނިހެން ސާމާނުތައްވެސް މިހާރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ކެމެރާތަކުގެ އިތުރު ތަފްސީލެއް ނުދެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކުރި ދިރާސާއެއްގައި ބުނީ ސްޕީޑް ކެމެރާ ބޭނުންކުރުމުން މަގުމަތީގެ އެކްސިޑެންޓްތައް މަދުވެ މަރުވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސަރވެއަލަންސް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން އިއުލާން ކުރީ އިއްޔެއެވެ.

ހައިވޭ އަދި ބްރިޖުގައި ގިނަ އަދަދެއްގެ އެކްސިޑެންޓް ހިނގައި މީހުންނަށް ދަނީ ގެއްލުން ވަމުންނެވެ. އަދި އެކްސިޑެންޓްތައް ގިނަވަމުންދާތީވެ އެކަން ހުއްޓުމަށް އެދި އާންމުންގެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ. އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މާޗު 10 އަކުން ފެށިގެން ބްރިޖުގައި ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.