ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއަށް ދެއްވީ މިދިޔަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.

އޭގެ ފަހުން 5،000 މެންބަރުންގެ ސޮއި ހަމަކޮށް ފޯމްތަކެއް ހުށަހެޅި ނަމަވެސް އެ ފޯމްތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ނުދީ ވަނީ ހިފަހައްޓާފައެވެ.

އަދި އެކަމާއި ގުޅިގެން އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމް މަޖިލިސް މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައި ޕީއެންސީ އިފެއްދުމަށް އީސީން ހުރަސް އަޅާ ކަމަށް ބުނެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އީސީ ހާޒިރު ކޮށްދިނުމަށް ވެސް އެދިފައެވެ.

ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިމިވަނީ، އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އީސީގެ މެންބަރު އިސްމާއިލް ހަބީބްއަށް އިއްޔެ ފޯނުން ގުޅުއްވާފައި ވަނިކޮށެވެ.