ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރެވޭ އިސްލާހު ފާސް ކުރިއަސް ތަސްދީގު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައެވެ. އޭގެ ކުރީން އޭނާ ވަނީ ކުރީގެ ރައީސުންނަށް މަޖިލީސް އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް މަޖިލިސް އިންތިހާބުގެ ގާނޫނަށްވެސް އިސްލާހު ހުށަހަޅުއްވާފައެވެ.

އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ. ނަޝީދު ވަނީ އެ ޕްރައިމަރީ ކާމިޔާބުކުރައްވާފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، އެފަދަ އެއްވެސް އިސްލާހެއް މަޖިލީހުން ފާސް ކުރި ނަމަވެސް އެމަނިކުފާނު އެފަދަ އިސްލާހެއް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.

"ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް [މަޖިލީހަށް] ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް އެ ގެންނަ އިސްލާހު އަޅުގަނޑު ތަސްދީގެއް ނުކުރާނަން،"

އެމަނިކުފާނު ވިދާޅުވީ، އެއްވެސް މީހެއްގެ ސިޔާސީ މަސައްކަތަކަށް ހުރަސް އެޅޭ އެއްވެސް އިސްލާހެއް އެމަނިކުފާނު ތަސްދީގު ނުކުރައްވާނެ ކަަމަށެވެ.

ޖޭޕީގެ މަޖިލީސް މެމްބަރަކު އެ އިސްލާހު ހުށަހެޅުއްވި ނަމަވެސް، ރައީސް ސޯލިހު މިއަދު ވިދާޅުވީ، އެމަނިކުފާނު ދެކެން ބޭނުން ވަނީ ދެން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުން ހިމެނެން ބޭނުންފުޅުވާ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަދި އެއްވެސް ޕާޓީއަކުން ކޯލިޝަން ރޫޅޭނެ ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދެމެދުގައި ވެސް މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ލަތީފް އިސްލާހު ހުށަހެޅުއްވީ، ދައުލަތުން މިހާރުވެސް އެބޭބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށާއި އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވާތީ ކަމަށް ވިދާޅުވެ އެވެ.