24 Jan 2019, 15:13
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން ގޮނޑިތައް ބެހުމަށް އެއްބަސްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މަޖިލިސް އިންތިހާބްގައި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން ގޮނޑިތައް ބެހުމަށް އެއްބަސްވި ނަމަވެސް އެކުގައި ވާދަކުރުމަށް މިހާތަނަށް ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެ މެދުގައި އެއްކޮށް ސޮއިކޮށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ވަކީން އެއްބަސްވުމެއް އަދި އަދާލަތު ޕާޓީއާ އެކު ވަކީން އެއްބަސްވުމެއްގައި ރައީސް ސޯލިހުއާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ދެބޭފުޅުން ސޮއި ކުރެއްވި ނަމަވެސް މައްސަލައަކީ ހަތަރު ޕާޓީން އެއްކޮށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބަށް ހެދި އެގްރީމެންޓަށް ފަހު ދެން އަޅުގަނޑުމެން މަސައްކަތް ކުރީ ކުރިއަށް އޮތް އިންތިހާބުތަކުގައި ހަތަރު ޕާޓީން އެއްބަސްވާ ލިޔުމެއް ނެރެވޭތޯ. ނަމަވެސް އެމަސައްކަތް ފުރިހަމަ ނުވެ އޮތީ. އޭގެ ސަބަބުން އަޅުގަނޑުމެން ވަކިވަކިން އެއްބަސްވުންތަކެއް ހަދައި ހަތަރު ޕާޓީ ސޮއި ކުރެވޭތޯ މަސައްކަތް ކުރީ އޭގައި އޮންނާނީ ހަމަ ސަރުކާރު އެކުލަވާލުމަށް އެއްބަސްވި އެއްބަސްވުމާއި އެއްގޮތަށް ޝެއާ ކުރާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ.
އެހެންކަމުން އެއްބަސްވުމުގައި ވާގޮތުންނަމަ އެމްޑީޕީއަށް ލިބެނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ ލިބޭއިރު އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބެއެވެ. ރައީސް މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެނަށް ވާހަކަ ދެކެވިފައި އޮތް ގޮތަށް ކުރިއަށް އަދި ދިއުމަށް އެއްބަސްވެވިފައި ނުވާތީ ކޮންމެ ބަޔަކު ވެސް އެބަޔަކު ބޭނުންވާ އަދަދަށް ގޮޑި ނެގުމަށް ޓަކައި ކުރެވެން އޮތް މަސައްކަތްތަކެއް ކުރެވެމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.
ޕާޓީތަކުން ވަކިވަކިން މަޖިލީހަށް ކުރިމަތިލިނަމަވެސް އެމަނިކުފާނު އެންމެ އެދޭ ގޮތަކީ ހުރިހާ ޕާޓީތަކަކުން އެކުގައި ވާދަކޮށް ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލީހެއް ލިބުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.