06 Oct 2011, 14:54
މިހާރު އެއްވެސް ގޮތަކަށް ހަރަކާތްތެރިނުވާ މޯލްޑިވްސް މީޑިއާ އެސޯސިއޭޝަންގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ކޮންޓިޖެންސީ ބަޖެޓުން 456000ރ. ދޫކުރެވުނު ކަމަށް މަޖިލީހަށް ފޮނުވި ލިޔުންތަކުގައި ލިޔެފައި ވަނީ އޮޅުމަކުން ކަމަށާއި އެ ފައިސާއަކީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެންބަރުންގެ މުސާރައިގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާ އެސޯސިއޭޝަންއަށް ސަރުކާރުން އެއްވެސް އިރެއްގައި އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށް ބުނެ އެކަމުގެ ހަގީގަތް ހާމަކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެ އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމެޓީގެ މެންބަރުން އިއްޔެ ގޮވާލާފައި ވަނިކޮށް ސަންއާ ވާހަކަ ދައްކަވަމުން އިނާޒް މިއަދު ވިދާޅުވީ މިއަހަރުގެ ކޮންޓެންޖެންސީ ބަޖެޓުން މީޑިއާ ސޯސިއޭޝަނަށް ފައިސާ ދޫކުރެވުނު ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވި ހިސާބުތަކުގައި ލިޔެވިފައި ވަނީ "ލިޔުމުގެ ކުށަކުން" ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މީޑިއާ އެ ސޯސިއޭޝަންއަށް ފައިސާ ދޫކުރިކަމަށް މަޖިލީހަށް ފޮނުވި ލިޔުމުގައި އެއީ ކުށެއް. އެއީ ލިޔުމުގެ ކުށެއް. އަޅުގަނޑުމެން އޭގައި ޒިންމާނަގަން. މިދެންނެވީ މާފަށް އެދެން. އެއީ ހަގީގަތުގައި ވެސް ވަރަށް ބޮޑުލިޔުމުގެ ކުށެއް،" އިނާޒް ވިދާޅުވި އެވެ.
އެ ފައިސާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން މީޑިއާ ކައުންސިލަށް ދޫކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާ ކޮންޓިޖެންސީ ބަޖެޓުން ދޫކުރީ އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑު މަޖިލީހުން ފާސްކުރީ، ބަޖެޓް ފާސްކުރި ފަހުން ކަމަށްވާތީ ކަމަށެވެ.
"ބަޖެޓުގައި ނުހިމެނޭ އެކަމަކު ކައުންސިލް އައީ މާފަހުން ކަމައް ވާތީ ކޮންޓެންޖަންސީ ބަޖެޓުގައި މަޖިލީހުން ފާސްކުރެއްވި ގޮތަށް ދޫކުރެވިފައިވާ ފައިސާއެއް،" އިނާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މީޑިއާ އަށް ހާމަކުރެއްވި ލިޔުންތަކުގައިވާ ގޮތުން މީޑިއާ އެސޯސިއޭޝަންގެ މުވައްޒަފުންނަށް ދައުލަތުގެ މި އަހަރުގެ ކޮންޓިޖެންސީ ބަޖެޓުން މިދިޔަ އޮގަސްޓް މަހުގެ ތެރޭ 456،000ރ. ދީފައިވެ އެވެ. އެލިޔުންތަކުން ހާމަވާ ގޮތުން އެ ފައިސާ މީޑިއާ އެ ސޯސިއޭޝަންގެ 29 މުވައްޒިފަކަށް ލިބިފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެކަމާ ގުޅޭ ގޮތުން މިއަދު ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނަނީ "އެ ފައިސާއަކީ 28 ޑިސެމްބަރު 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އިތުރަށް ބޭނުންވާ ފައިސާ އެކައުންސިލްގެ ބަޖެޓަށް އިތުރުކޮށްދެއްވުމަށް އެކައުންސިލްގެ ނަމްބަރު، 219-MS/13/2011/17 ސިޓީ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް ދެންނެވުމުން، މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބަޖެޓަށް ދޫކޮށްފައިވާ ފައިސާއެއް" ކަމަށެވެ.
ނާޒިމް އެ މައުލޫމާތު މީޑިއާ ހިއްސާ ކުރެއްވީތީ އެކަން ކުށްވެރި ކުރައްވަމުން އިނާޒް ވިދާޅުވީ އެ ފައިސާ މީޑިއާއާ އެ ސޯސިއޭޝަނަށް ދެވިފައި ވަނީ ކީއްވެގެން ކަން ބެލުމަށް މާލިއްޔަތު ކޮމެޓީން އެދިފައި ނުވާ ކަމަށާއި އެދިވަޑައިގަތީ އެ ހަރަދުތަކުގެ ތަފްސީލްތައް ފޮނުވަން ކަމަށެވެ.
"އެކަން ފާހަގަކުރައްވާފައި (ކުށެއްކަން ފާހަގަކުރައްވާފައި) އަޅުގަނޑުމެންނަށް އެއީ ރަނގަޅުތޯ ނުވަތަ ނޫންތޯ ނަހައްދަވާ، ފޮނުއްވީ މީގެ ތަފްސީލްތަކެއް ފޮނުވާލަ ދެއްވަފާނަންތޯ. އޭގެ ހުރި ބައެއް ތަފްސީލްތައް ފޮނުއްވި އިރު އެއްކަލަ ތަންކޮޅު އިންގޮތަށް އިނީ. ވަރަށް ބައިވަރު ޑޭޓާތަކެއްގެ ވާހަކަ މި ބުނީ. ދެ ވަނަ ފަހަރަށް ދިޔައިރު ވެސް ހަމައެގޮތަށް. ނާޒިމް ގުޅުއްވާފައި ވެސް ނާއްސަވައި މި މިއޮތީ ރަނގަޅުކޮށްހޭ ވެސް. ދެން މީޑިއާ އަށް މި ވަޑައިގަތީ،" އިނާޒް ވިދާޅުވި އެވެ. "އަޅުގަނޑާ ފޯނު ކުރެއްވުން، އީމެއިލް ކުރެއްވުން އަޅުގަނޑުމެންގެ މުވައްޒަފުންނާ ސުވާލުކުރުން ހުރީ އޯޕަންކޮށް. އެކަމަކު އެހެން އެސޯސިއޭޝަންއެއް ބަދުނާމުވެގެން ދިޔަ ދިޔުން އެއީ އަޅުގަނޑު ކުށްވެރިކުރާނެ ކަމެއް. އެއީ ޒިންމާދާރު ގޮތެއް ނޫން،"
އިނާޒްގެ އެވާހަކަތާ ގުޅިގެން ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ ޖަލްސާތައް ބާއްވަނީ މީޑިއާ އަށް ހުޅުވާލައިގެން ދެފުށްފެންނަ ގޮތަކަށް ކަމަށާއި ފިނޭންސް މިނިސްޓަރު ސޮއި ކުރައްވައި މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކަކަށް ވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒިންމާއެއް ނޫން އެއީ އޭގައި ޑައިޕިން މިސްޓޭކެއް އޮތްތޯ މިނިސްޓަރަށް ގުޅައިގެން ބަލަން. އެކަން ކުރަންވެއްޖިއްޔާ އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ. އިނާޒުގެ ޒިންމާ އަދާނުކުރައްވައި އެހެން ފަރާތްތަކަށް އިނގިލި ދިއްކުރުމަކީ ރަނގަޅު ގޮތެއް ނޫން،" ނާޒިމް ވިދާޅުވި އެވެ." ނާޒިމް ވިދާޅުވި އެވެ.