10:00


އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރއީަސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ މާލެ ވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރެއްވި އެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުގެ ބައެއް ވަޒީރުންނާއި، އޮސްޓްރޭލިޔާގެ ވާދަވެރި ސިޔާސީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޖޫލީ ބިޝޮޕާވެސް ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުކުރެއްވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާ ބެހޭ މަޢުލޫމާތު ޙިއްސާ ކުރެއްވި އެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.


ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ބައެއް އެހީތައް ބޮޑުވަޒީރު ރަޑް އިޢްލާނު ކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ކެންބަރާގައި ކިޔަވަން ތިބި ދިވެހި ކުދިންނާވެސް ބައްދަލުކުރައްވައި އެކުދިންގެ ހާލު ބައްލަވާލައްވައި ކިޔެވުމުގެ ކަންތައްތައް ކުރިއަށްދާގޮތާބެހޭ މަޢްލޫމާތު ހޯއްދެވި ކަމަށާއި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިޑްނީއަށް ވަޑައިގެން، ނިއު ސައުތް ވޭލްސްގެ ގަވަރނަރ މޭރީ ބަޝީރާއި، އެ ސްޓޭޓްގެ ޑެޕިއުޓީ ޕްރިމިއަރ ކާމެލް ޓިބަޓްއާވެސް ބައްދަލުކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.