ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްއާ ދެމެދުގައި މައްސަލައެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާ ދެމެދު ވަރަށް ބޮޑަށް މައްސަލަޖެހިގެން އުޅޭކަމަށް އަޑުފެރިގެން އުޅޭކަމަށް ނޫސްވެރިޔަކު ދެންނެވި ސުވާލަށް ރައްދު ދެއްވައި ރައިސް ސޯލިހް ވިދާޅުވީ ގާސިމްއާ ދެމެދު މާބޮޑު މައްސަލައެއް އުޅޭކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ރައީސް ނަޝިދާވެސް ގާސިމްއާ ދޭތެރޭވެސް މިއުޅެނީ ހަމަ ހިޔާލު ތަފާތުވުމެއް. އެ އުޅޭނެ ހަމަ ހިޔާލު ތަފާތުވުންތަކެއްކަން އެނގިގެން އަޅުގަނޑުމެން މިއައީ. އަޅުގަނޑު ކޮންމެ ދުވަހު ދެ ފަހަރު ތިން ފަހަރު އެއިން ކޮންމެ ބޭފުޅަކާ އެބަ ވާހަކަދައްކަން އެކި އިޝޫތަކުގައި. މައްސަލައެއް ނުފެނޭ އަޅުގަނޑަކަށް. ސަރުކާރު ހިންގުމުގައި އެއްވެސް ބޭފުޅަކު ހުރަހެއް ނާޅުއްވާ. ހަމަ ރަނގަޅު ހިޔާލާއި މަޝްވަރާ ދެއްވާ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަދި އެއްބަސްވުމެއް ނެތުމުން ކޮންމެ ބަޔަކުވެސް ގޮނޑި ނެގުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވއިެވެ.

ސަރުކާރު ހިންގާ ޕާޓީތަކުން ހަދާފައިވާ އިއްތިހާދުގައި މައްސަލައެއް އުޅޭތަނެއް ފެނުވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް މައްސަލަތައް އުޅޭކަން ފަހަކަށް އައިސް ދަނީ ފެންނަމުންނެވެ. އެގޮތުން ރޭ ގާސިމްވަނީ ރައީސް ނަޝީދާއި އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ ތެރެއިން، ރައީސް ސޯލިހުގެ އިތުބާރު ނެގުމުގެ ވޯޓެއް ނަގައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ގާސިމް ރޭ ވަނީ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައިއިރު ބޭނުންކުރި ސްލޯގަން "ޖަޒީރާ ރާއްޖެ" އަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ގާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ދަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންންނެވެ.

އެމްޑީޕީއާ ޖޭޕީގެ ގުޅުން ގޯސްވެފައިވާކަމަށް އަޑު ފެތުރިފައިވާއިރު، ގާސިމް ވަނީ ދާދިފަހުން އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާވެސް ބައްދަލުކުރައްވައިފައެވެ.