24 Jan 2019, 14:58
ސަރުކާރު ހިންގާ ކޯލީޝަން ރޫޅެނެ ފަދަ އެއްވެސް ހަމަނުޖެހުމެއް ކޯލިޝަނުގައި ހިމެނޭ އެއްވެސް ޕާޓީއަކުން ކޮށްފައި ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޯލިޝަން ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ އެބަ އޮތް ކަމަށެވެ.
"މިހާތަނަށް އައި އިރު ކޯލިޝަނުގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް ކޮށްފައިވާ ކަމެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކުން ވަކިވަކިން ވާދަކުރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫން ކަމަށްވެސް މިއަދު އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމުގައި އަޅުގަނޑުމެންނަށް ވާހަކަދެކެވިފައި އޮތް ގޮތަށް ކުރިއަށް އަދި ދިޔުމަށް އެއްބަސްވެވިފައި ނުވާތީ ކޮންމެ ބަޔަކުވެސް އެ ބަޔަކު ބޭނުންވާ އަދަދަށް ގޮނޑި ނެގުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެމްޑީޕީންވެސް އެ މަސައްކަތް އެ ކުރައްވަނީ. ޖުމްހޫރީ ޕާޓީންވެސް އެ ކުރައްވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަސައްކަތް،"
"އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކޯލިޝަން ރޫޅޭން އޮތް މައްސަލައެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލީހަށް ވާދަކުރުމާ ގުޅޭގޮތުން ޖޭޕީއާއެކު އެއްބަސްވުމެއް އޮތް ނަމަވެސް، އެހެން ޕާޓީތަކާ އެއްބަސްވުމެއް ނެތް ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ އޮތް މަޖިލީހެއް އިންތިހާބުވާން ކަމަށް ވިދާޅުވިއެވެ.
ކޯލިޝަނުގެ ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ނުކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އިރު، އެމްޑީޕީން މަޖިލީހުގެ ކުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމި ނިންމުމާ ގުޅިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީއަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.