24 Jan 2019, 14:32
ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ފިތުނަ ފަސާދައަށް މަގުފަހިވާ ފަދަ ލިޔުންތައް ޝާއިއުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފަހަކަށް އައިސް ބައެއް އޮންލައިން މީޑިއާތަކުން ދީނީ އަދި އާންމު އަހުލާގީ މިންގަނޑުތަކާ ހިލާފު، ނަފްރަތާއި ފިތުނަފަސާދަ އުފެދޭ، ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު، ނުބައި މައުލޫމާތު ފެތުރޭ ލިޔުންތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލުގެ ވަކި ވަކި މެމްބަރުންނަށް ލިބެމުންދާ ކަމަށެވެ.
"މިފަދަ ކަންކަމަކީ، މި ކައުންސިލާއި ރާއްޖޭގެ މީޑިއާގެ މުޅި އާއިލާއިން ނަގަހައްޓަން މަސައްކަތް ކުރަމުންދާ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުކަންކަމެވެ." އެ ބަޔާނުގައިވެ އެވެ.
އަދި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރި ކަމާ އެކު ވަކި އިންތަކެއްގެ ތެރެއިން ކަމަށެވެ. އަދި ޒިންމާދާރު ކަމާ ނުލައި ލިޔުންތައް ޝާއިއު ކުރުން އެ ކައުންސިލުން ބަލައިނުގަންނާނެ ކަމަށާއި، އެފަދަ ލިޔުންތައް ޝާއިއު ކުރުމެގެ އާހިރު ނަތީޖާއަށް ވެގެން ދާނީ ގައުމުގެ އަމަންއަމާންކަން ގެއްލިގެންގޮސް ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް ގައުމު ހުށަހެޅިގެންދާނެ ކަމަށް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ
އެހެން ކަމުން، އެފަދަ އެންމެހާ ކަންކަމުން ދުރުހެލިވެ، ދީނާއި ގައުމިއްޔަތު އިސްކޮށްގެން މަސައްކަތް ކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.