ކުއަލަލަމްޕޫރު (ޖެނުއަރީ 24): މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެއް ކުއްލި ގޮތަކަށް ރަސްކަން ދޫކޮށްލެއްވުމާ ގުޅިގެން އެގައުމުގެ ކޮންފަރެންސް އޮފް ރޫލާސްއިން މިއަދު އާ ރަސްކަލަކު އިންތިހާބުކޮށްފި އެވެ.

މެލޭޝިއާގެ 13 ސްޓޭޓު ތެރެއިން ނުވަ ސްޓޭޓުގައި ޝާހީ އާއިލާ އޮވެ އެވެ. އަދި އެގައުމުގެ ރަސްކަން އޮންނަނީ އެސްޓޭޓުތަކުގެ މެދުގައި ދައުރުވާ ގޮތަށެވެ.

މެލޭޝިއާގެ އާ ރަސްގެފާނަކު އިންތިހާބު ކުރީ އެނުވަ ސްޓޭޓުގެ ޝާހީ ވެރިން ހިމެނޭ ކޮންފަރެންސް އޮފް ރޫލާސްއިން ނެގި ސިއްރު ވޯޓަކުންނެވެ. އަދި އެގައުމުގެ ރަސްކަން ދައުރުވާ އޯޑަރަށް ބަލާ އިރު، ދެން ރަސްކަމަށް އަންނަން އޮތީ ޕަހަންގް ސްޓޭޓުގެ ސުލްތާން އަބްދުﷲ ކަމުން، ވޯޓު ނެގީ އޭނާއަށް ރުހުން އޮތްތޯ ބެލުމަށެވެ.

މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެއް ވަނީ މިމަހު ރަސްކަން ދޫކޮށްލައްވާފަ -- ފޮޓޯ: އޭއެފްޕީ

ސުލްތާން އަބްދުﷲ ތަހުތަށް އިސްކުރަން ހަމަޖެހިފައި ވަނީ މިމަހުގެ 31ގަ އެވެ.

އާއްމު ގޮތެއްގައި ކޮންމެ ރަސްކަލަކަށް އޮންނަނީ ފަސް އަހަރުގެ ދައުރެއް ދީފަ އެވެ. ނަމަވެސް އުމުރުން 49 އަހަރުގެ ރަސްގެފާނު މުހައްމަދު ވަނީ ރަސްކަމަށް އިސްކުރިތާ ދެ އަހަރު ފަހުން، މިމަހުގެ ހަޔެއްގައި ރަސްކަން ދޫކޮށްލައްވާފަ އެވެ.

ރަސްގެފާނު މުހައްމަދު އިސްތިއުފާ ދެއްވި ސަބަބެއް ޝާހީ ގަނޑުވަރުން ހާމަ ނުކުރެއެވެ. ނަމަވެސް ރަސްގެފާނު އިސްތިއުފާ ދެއްވީ ރަޝިއާގެ ކުރީގެ ރީތީގެ ރާނީއަކާ ކައިވެނި ބެއްލެވި ކަމަށް ހަބަރު ފެތުރު ފަހުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރަސްގެފާނު ވަނީ 25 އަހަރުގެ އޮކްސާނާ ވޯވޮޑިނާއާ ކައިވެނި ބައްލަވައިގެންފައެވެ.