24 Jan 2019, 13:05
ދައުރުން ބޭރުގައި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ލީޑަރުން އެއްބެސްވެ އެކަމަށް ހުށަހެޅި ނަމަވެސް މެންބަރުން "ބިޒީކަމުން" އެ ޖަލްސާ މިއަދާ ހަމައަށް ވެސް ބޭއްވޭ ގޮތެއް ނުވި އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ ކޮންމެ މަހަކު އެއް ފަހަރު ބާއްވާ ބައްދަލު ކުރުމުގެ ތެރެއިން މިދިޔަ މަހުގެ ބައްދަލުވުން ހޮޓެލް ޖެންގައި ނިންމާލުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ ޖެނުއަރީގައި ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައި ދިނުމަށް މެންބަރުންނަށް ދަންނަވާނެ ކަމަށެވެ.
ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭކަން ފާހަގަކުރައްވައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލް ފާސް ނުކުރެވި މަޖިލިސް ޗުއްޓީއަކަށް ދިއުމުން ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް މަޖިލީހަށް ހުށަހެޅުމުން، 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އެނގިފައިވާ ގޮތުގައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ 28 މެންބަރުންގެ ސޮއި މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް ޖަލްސާ ނުބޭއްވި ލަސްވަނީ ބިލްތައް ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާތީ ކަމަށް ބައެއް މެންބަރުން ވަނީ 'ސަން' އަށް ވިދާޅުވެފަ އެވެ.
"ގިނަ މެންބަރުންތަކެއް ވަރަށް ބިޒީކޮށް ކެމްޕެއިނުގަ އާއި ޗުއްޓީ އަދި އެކި ކަންކަމުގައި ރާއްޖެއިން ބޭރުގައި ވެއްޖެ. އެފަދަ ދަނޑިވަޅެއްގައި ޖަލްސާއެއް ބޭއްވި ނަމަވެސް ކޯރަމް ހަމަވާނެކަމާ މެދު ވެސް ޝައްކު،" އެމްޑީޕީގެ މަޖިލިސް މެންބަރެއް ވިދާޅުވި އެވެ.
"ދައުރުން ބޭރުގައި ޖަލްސާއެއް ނޯންނާނެ. ދެން ޖަލްސާއެއް އޮންނާނީ އަންނަ މަހު ހަތެއްގައި،" އެހެން މެންބަރެއް ވިދާޅުވި އެވެ.
ސަރުކާރު ހިމެނޭ ކޯލިޝަނުގެ ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެތް މެންބަރަކު ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށާއި އެކަމަށް ސަރުކާރުން އެދިއްޖެ ނަމަ ޖަލްސާއެއް ބާއްވަ ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މެންބަރުން މިތިބީ ވަރަށް ބަދަހިކޮށް. މިވަގުތަކު ނެތް ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ޖެހޭ އެއްވެސް ހާލަތެއް،" ޕީޕީއެމް ދޫކޮށް ދާދި ފަހުން ޖޭޕީއާ ގުޅުވަޑައިގަތް މެންބަރަކު ވިދާޅުވި އެވެ.
ބިލް ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވެގެން ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކަށް ވޯޓަށް ނޭހި، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލަން ޖެހުނެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރުން ވިދާޅުވީ، މުހިއްމު ބިލްތަކެއް ފާސްނުކޮށް މަޖިލިސް ދައުރު ނިންމައި ޗުއްޓީއަށް ދިއުމުން ހިތާމަކުރައްވާ ކަމަށެވެ.