24 Jan 2019, 12:17
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ސްޓޭޓް ޑިޕާޓްމެންޓުގެ އިސް އޮފިޝަލުންނާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ދެ އިދާރާއާ އެކު ވަކިވަކިން ބައްދަލު ކުރެއްވިއެވެ.
ސެކިއުރިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިިސްޓަރު ޝާހިދު ވަނީ ސެކިއުރިޓީގެ ދާއިރާގައި ރާއްޖެ އާއި އެމެރިކާ އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮން މަޝްވަރާ ކުރައްވައިފައެވެ. އަދި ގުޅިގެން އިތުރަށް މަސައްކަތް ކުރެވެނެގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އެމެރިކާއާ މެދު ހާރިޖީ ގުޅުން ވަރުގަދަކޮށް ރާއްޖޭގައި ޑިމޮކްރަސީ އާއި ގަވަނަންސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުުގެ ކައުންޓާ ޓެރަރިޒަމް އެމްބެސެޑާ އެޓްލާޖް އެންޑް ކޯޑިނޭޓާ ފޯ ކައުންޓާ ޓެރަރިޒަމް ނޭތަން ސޭލްސް އާ ވެސް ބައްދަލުކުރައްވައި ކައުންޓާ ޓޭރަރިޒަމްގެ ދާއިރާއިން ދެގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.
މިނިސްޓަރު ޝާހިދު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވާނެއެވެ. އަދި ދ ގައި ތިއްބަވާ އެކި ގައުމުތަކުގެ މަންދޫބުންނާއެކުވެސް މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.