24 Jan 2019, 12:14
ސަރުކާރު ހިންގާ ޕާޓީތަކުން ހަދާފައިވާ އިއްތިހާދުގައި މައްސަލައެއް އުޅޭތަނެއް ފެނުވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކާއި މުޅި ސަރުކާރު ވެސް ވަރަށް އަމާން އޮމާން ގޮތެއްގައި ހިނގަމުން އަންނަ ކަމަށާއި އަދި ސަރުކާރު ހިންގާ އިއްތިހާދުގެ ތެރެއިން ވެސް މައްސަލައެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެން މިތިބެނީ ވާހަކަ ދެކެވި ދެކެވި. އެންމެ ދުވަހެއް ވެސް ނުދޭ މިސާލަކަށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ނުދައްކާ. އެހެންވީމަ އަޅުގަނޑުމެނަށް ވާހަކަ ނުދެކެވިގެން ކަމެއް އޮޅިގެން އެކަކު އަނެކަކަށް ކަމެއް ނޭންގިގެން ދާތަނެއް އަޅުގަނޑަކަށް ނުފެނޭ،"
"އަޅުގަނޑަކަށް ސަރުކާރުގައި އޮތް އިއްތިހާދުގެ މައްސަލައެއް ނުފެނޭ،"
ސަރުކާރުގެ އެތެރޭގައި މައްސަލަތަކެއް ނެތް ކަން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ތަޖުރިބާގެ އަލީގައި 'ވިއްސާރަ ކުރަން ފެށީމަ' އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަކިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމެވުމުން ކޯލިޝަން ޕާޓީތަކުގެ މެދުގައި ވަނީ ދެބަސްވުން އުފެދި އެމްޑީޕީން ކޯލިޝަން އެއްބަސްވުމާއި ހިލާފުވި ކަމަށް ބުނަމުންނެވެ. އަދި ޖުމްހޫރީ ޕާޓީން އެމްޑީޕީ ނުލައި ދެން ހުރި ޕާޓީތަކާއި އެކުގައި މަޖިލީހަށް ކުރިމަތިލާން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެމްޑީޕީން އެހެން ޕާޓީތަކާއި އެކު މަޖިލީހަށް ވާދަ ކުރުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު އެއްބަސްވާންވީ ވަކި ދާއިރާއެއްގައި އެމްޑީޕީގެ ކެނޑިޑޭޓެއް ނުހުންނަން. ނުހުރެފައި އޭގެ މާނައަކަށް އަދި ވާންވީ އަޅުގަނޑުމެން މި ބުންނަން ޖެހެނީ ޖޭޕީގެ ކެނޑިޑޭޓަށް އަޅުގަނޑުމެންގެ ހުރިހާ މެންބަރުން ވޯޓު ދެއްވާށޭ. އެއަކީ އެއް އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ މެންބަރުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް އިންސާފެއް ނޫން،" ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ ފުރުސަތު އެ ރައްޔިތުންނަށް ދޭން ޖެހޭނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.