ވޮޝިންޓަން (ޖެނުއަރީ 24): އެމެރިކާއިން ހައްޔަރު ކުރި، އީރާނުގެ ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިއާ ދޫކޮށްލައިފި އެވެ.

އެމެރިކަން އަރަބް އެންޓި ޑިސްކްރިމިނޭޝަން ކޮމިޓީން ބުނި ގޮތުގައި މާޒިއާ ހާޝިމީ ދޫކޮށްލީ ހައްޔަރުކޮށްފައި ހުންނަތާ 10 ދުވަސް ފަހުންނެވެ.

އިސްލާމް ދީން ގަބޫލު ކުރުމަށް ފަހު 2008 ވަނަ އަހަރު އީރާނަށް ބަދަލުވި ހާޝިމީ ހައްޔަރު ކުރީ މިމަހުގެ 13 ވަނަ ދުވަހު އެމެރިކާއަށް ދިޔުމުން އެއާޕޯޓުންނެވެ. އޭނާ އެމެރިކާއަށް ދިޔައީ 'ބްލެކް ލައިވްސް މެޓާ' މޫވްމެންޓާ ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމަށް ކަމަށް ހާޝިމީގެ ދަރިފުޅު ބުންޏެވެ.

އެމައްސަލައިގައި ނެރުނު ކޯޓު އަމުރެއްގައިވާ ގޮތުން ހާޝިމީ ހައްޔަރު ކުރީ ޖިނާއީ މައްސަލައެއްގެ ހެކިވެރިއަކަށް ވުމުންނެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއިން ހާޝިމީއާ މެދު އަމަލު ކުރި ގޮތް ކުށްވެރިކޮށްފަ އެވެ. އަދި ޕްރެސް ޓީވީންވެސް ވަނީ ހާޝިމީ ހައްޔަރު ކުރުމާ ދެކޮޅު ކަމަށް ބުނެފަ އެވެ.

އެނޫހުން ބުނި ގޮތުގައި ހާޝިމީއަށް ޖަލުގައި އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ޖަލުގައި އޭނާއަށް ދިނީ އަތް ކުރު ހެދުމެއް ކަމަށާއި ބުރުގާ ނަގަން މަޖުބޫރު ކުރުވި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ހާޝިމީއަށް ހަލާލް ކާނާ ދޭން ދެކޮޅު ހަދައި، އޭނާއަށް ހަމައެކަނި ދިނީ އޫރު މަސް ކަމަށްވެސް ޕްރެސް ޓީވީން ބުންޏެވެ. އޭގެ ސަބަބުން އޭނާ ދެ ދުވަސް ވަންދެން ކައިފައި ވަނީ ހަމައެކަނި ބިސްކޯދު ކަމަށް ވެސް އެނޫހުން ބުންޏެވެ.

ހާޝިމީ ހައްޔަރު ކުރީ، މިދިޔަ އަހަރު އެމެރިކާއިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.