ފީނިކްސް (ޖެނުއަރީ 24): އެމެރިކާގެ އަރިޒޯނާގައި ހުންނަ ބަލި މީހުން ބަލަހައްޓާ ނާސިން ހޯމްއެއްގައި އެއްވެސް ހަރަކާތެއް ނުކުރެވޭ އަންހެނަކު ވިހެއި މައްސަލައިގައި ނަރުހަކު ހައްޔަރުކޮށްފި އެވެ.

އަރިޒޯނާގެ ފުލުހުން ބުނި ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަންހެން މީހާއަށް ފަރުވާ ދެމުންދިޔަ ހަސިއެންޑާ ހެލްތްކެއާގައި މަސައްކަތް ކުރާ 36 އަހަރުގެ ނޭތަން ސަދަލޭންޑް ކިޔާ ނަރުހެކެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އެނާސިން ހޯމްގައި މަސައްކަތް ކުރާ ފިރިހެނުންގެ ޑީއެންއޭ ޓެސްޓެއް ހެދި ފަހުންނެވެ.

އެމައްސަލައިގައި ސަދަލޭންޑުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދެ ދައުވާއެއްކޮށްފަ އެވެ. އަދި ފުލުހުން ދަނީ އޭނާ އިތުރު އެއްވެސް ބަލި މީހަކަށް އަނިޔާ ކުރިތޯ ތަހުގީގު ކުރަމުންނެވެ.

ހަސިއެންޑާ ހެލްތްކެއާއިން ވަނީ 2011 ވަނަ އަހަރު އެކްލިނިކުން ސަދަލޭންޑަށް ވަޒީފާ ދިނީ އޭނާގެ ބެކްގްރައުންޑް ޗެކެއް ހަދާފައި ކަމަށް ބުނެފަ އެވެ. އަދި އޭނާ ހައްޔަރު ކުރިކަން އެނގުމާ އެކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެމައްސަލައިގައި ހަސިއެންޑާ ހެލްތްކެއާގެ ސީއީއޯ ބިލް ޓިމަންސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެނާސިން ހޯމްގައި ވިހެއި 29 އަހަރުގެ އަންހެން މީހާއަކީ ކުޑަ އިރުން ފެށިގެން އެތަނުން ފަރުވާ ދެމުން އައި އަންހެނެކެވެ. އަދި މިދިޔަ މަހުގެ 29ގައި އެއަންހެން މީހާ ވިހެއި އިރު، އޭނާ ބަލިވެއިންކަން އެއްވެސް މީހަކަށް ނުވެސް އެނގެ އެވެ. އެއަންހެން މީހާގެ ދަރިފުޅުގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެކުއްޖާ ބަލަނީ އަންހެން މީހާގެ އާއިލާއިން ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.