އާސެނަލްގެ ކޯޗަށް ރައްދުވެފައިވާ ފާޑުކިޔުންތަކަކީ ޖޯކެއްގެ ގޮތުގައި ފާހަގަކޮށް، ޖެކް ވިލްޝެޔާ އެކުލަބު ދޫކޮށް ނުދާނެކަމަށް އޭނާ ބުނެފިއެވެ.

ކޯޗު ވެންގާ އަށް މިސީޒަން ފަށަން ޖެހުނީ ޓީމުގައި ހިމެނުނު މުހިންމު ދެކުޅުންތެރިއެއް ނުލައެވެ. ސެސް ފެބްރިގާސް އާއި ސާމިރް ނަސްރީ ކުލަބު ދޫކޮށް ދިއުމުން އާސެނަލް އަށް އެމަގާމުތައް ފޫނުބެއްދިގެން ދިޔަތަން މިސީޒަނުގައި ފާހަގަ ވެގެން ދިޔައެވެ. ފަހަކަށް އައިސް އާންމުވެފައިވާ ރިޕޯޓުތަކުން ބުނާގޮތުގައި އާސެނަލްގެ މިހާރުގެ ކެޕްޓަން ރޮބިން ވެން ޕާސީ ވެސް ކޮންޓްރެކްޓް ހަމަވުމުން ކުލަބު ދޫކޮށް ދާނެ ކަމެވެ.

މިސީޒަނުގައި އާސެނަލް އަށް ލިބެމުންދާ ނާކާމިޔާބީ ތަކާއި ގުޅިގެން މުހިންމު ކުޅުންތެރިންތައް ގެއްލުމުގެ ބިރު އަނެއްކާވެސް ވަނީ ހީވެފައެވެ. މިހާރު ޕްރެމިއާ ލީގުގެ 15 ވަނާގައިވާ އާސެނަލް އަށް ފުރަތަމަ ހަތަރު މެޗުންވެސް ލިބުނީ ނާކާމިޔާބީ އެކެވެ.

ނަމަވެސް ވިލްޝެޔާ ބުނާގޮތުގައި އޭނާގެ މުސްތަގުބަލު އަދިވެސް އޮތީ އާސެނަލް އާއެކުއެވެ.
"އާސެނަލް އަކީ އަހަރެންނާ އެންމެ ގުޅޭ ޓީމު. ހަގީގަތަށް ބުނަންޏާ، ބައެއް ކުޅުންތެރިން ބަލާނީ ފައިސާއަށް. ނަމަވެސް އެއީ އަހަރެންގެ ގޮތެއް ނޫން. އަހަރެން އަބަދުވެސް ބަލާނީ މުބާރާތްތަކުގައި އެންމެ މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިއާ އާއި ހަމައަށް ވާސިލު ވެވޭތޯ. އަހަރެން އާސެނަލް އާއެކު މިހިރީ އުފަލުން." ވިލްޝެޔާ ބުންޏެވެ.

އާސެނަލްގެ މެދުތެރޭގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރެވޭނެ ވިލްޝެޔާ އަށް ލިބުނު އަނިޔާއާއި ގުޅިގެން ސާޖަރީ އަށް ފަހު މިހާރު ހުރީ ކުޅުމާއި ދުރުގައެވެ. ވިލްޝެޔާ އަށް ދެން ދަނޑަށް ނުކުމެވޭވަރު ވާނީ އަންނަ އަހަރު އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އަމާޒުވެފައިވާ ފާޑު ކިއުންތަކާއި ހެދި ކޯޗު ދިފާއު ކުރަމުން ވިލްޝެޔާ ބުނީ، "ފާޑުކިޔުންތަކާއި ހެދި އަހަރެމެންނަށް މިވަނީ އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައި. ހަ އަހަރު ތައްޓެއް ހިތްނާނުލެވި ދިއުމަކީ އާސެނަލް އަށް ލިބިފައިވާ ދެރަ ކަމެއް. ވެންގާ އަކީ ކުލަބަށް ފަނަރަ އަހަރު ހިދުމަތް ކޮށްދިން މޮޅު ކޯޗެއް. ކޯޗަށް އަމާޒުވެފައިވާ ފާޑުކިއުންތަކަކީ ޖޯކެއް."