24 Jan 2019, 11:02
ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އޭނާ ވަނީ މީގެ ކުރީން، ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާފަ އެވެ.
ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ލަތީފް އިސްލާހު ހުށަހެޅުއްވީ، އެއީ ދައުލަތުން މިހާރުވެސް އެބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށާއި އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވީނަމަވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވީނަމަވެސް އެބޭފުޅުން މަޖިލީހަށް ވަނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި މައްޗަންގޯޅި މެދު ދާއިރާގެ އިންތިހާބު ވަނީ ރައީސް ނަޝީދު ކާމިޔާބު ކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ބިލް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކޮށް ކަމަށާއި އެހެން ކަމުން އެ ބިލް އަނބުރާ ނެގުމަށް އޭނާއަށް މީގެ ކުރިން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަންގާފަ އެވެ. އެހެންނަމަވެސް އޭނާ އެކަމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ.