24 Jan 2019, 10:25
ކަރަކާސް(ޖަނަވަރީ 24): ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރައްވައި ގައުމުގެ ރައީސަކީ އޭނާ ކަމަށް އަމިއްލައަށް އިއްލާން ކުރައްވައިފިއެވެ.
ގުއައިޑޯ ވިދާޅުވެފައިވަނީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ ވޯޓު އޮޅުވާލައްވައިގެން ކަމަށާ އެހެންކަމުން މަޑޫރޯގެ ވެރިކަން ގަބޫލުނުކުރައްވާ ކަމުގައެވެ. ނަމަވެސް ވެނެޒުއެލާގެ ސިފައިން ވަނީ އެކަން ބަލައިގަތުމަށް ދެކޮޅުހަދައި ގުއައިޑޯއަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ. މިއާއެކު ގުއައިޑޯ ހައްޔަރުކުރުމަށް ސިފައިން މަސައްކަތްކުރާ ކަމަށް ޚަބަރުތައް ބުނެއެވެ.
ރައީސް ނިކޮލަސް މަޑޫރޯ ރައީސްކަމުގެ ދެ ވަނަ ދައުރުގެ ހުވާ ކުރެއްވީ މީގެ ދެހަފްތާކުރިންނެވެ. ނަމަވެސް މަޑޫރޯ ގެ ވެރިކަން އެގައުމުގެ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ އެމެރިކާއާއި ކޮލަންބިޔާފަދަ ގައުމުތަކުން ބަލައިގެންފައެއް ނުވެއެވެ. މަޑޫރޯގެ ވެރިކަމުގައި ވެނެޒުއެލާގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
އެހެން ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަށަށްދިޔުމުގެ ސަބަބުންނާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެމެރިކާއަކީ އަބަދުވެސް އެމެރިކާ ބޭނުންވާ ގޮނޑިކޮއްކޮ ވެރިއަކު ވެނެޒުއެލާގެ ރައީސް ކަމަށް ގެންނަން މަސައްކަތްކުރާ ގައުމެކެވެ. އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރެއްވުމާއެކު އެމެރިކާއިން އެ ބަޣަވާތަށް ތާއީދު ކުރުމުން ރައީސް ނިކޮލަސް މަދޫރޯއަށް ތާއީދުކުރާ މީހުންވަނީ މަގުތަކަށް ނުކުމެ ބަގާވާތް ކުރި ލީޑަރު ގުއައިޑޯ އާ ދެކޮޅަށް އަޑުއުފުލާފައެވެ. މިއާއެކު ގުއައިޑޯއަށް ތާއީދުކުރާ ފަރާތްތަކުންވެސްވަނީ މަގުތަކަށް ނުކުމެ މަޑޫރޯ ގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.
ގުއައިޑޯ އަކީ ވެނެޒުއެލާގެ ކޮންގްރެސްގެ ރައީސް ވެސް މެއެވެ. ގުއައިޑޯ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރައްވައި ގައުމުގެ ރައީސަކީ އޭނާ ކަމަށް އިޢްލާން ކުރެއްވީ އެމެރިކާއާއި ކޮލަންބިޔާފަދަ ގައުމުތަކުގެ ރުހުމާއެކު އެގައުމުތައް ފަހަތުގައި ތިބެގެން ކަމަށް މަޑޫރޯގެ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. ގުއައިޑޯ ކުރިންވެސް ވަނީ ސަލާމަތީ ބާރުތަކުގެ ތާއީދު ލިބިއްޖެނަމަ ސަރުކާރާ ދެކޮޅަށް ތެދުވާ ވެރިކަމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
މަޑޫރޯ އިއްޔެވަނީ އެމެރިކާއާއި ވެނެޒުއެލާގެ ގުޅުންތައް އަލުން މުރާޖަޢާ ކުރުމަށް އަމުރު ކުރައްވާފައެވެ. މަޑޫރޯ ވިދާޅުވީ އެމެރިކާއިން ވެނެޒުއެލާއާ މުއާމަލާތް ކުރަން ފަށާފައިވަނީ ވަރަށް ހަރުކަށިކޮށް ކަމަށާ އެކަން ބަލައިނުގަނެވޭނެ ކަމުގައެވެ. އެމެރިކާ ވެނެޒުއެލާއާ މުއާމަލަތް ކުރަނީ މުސްތަގިއްލު ގައުމަކުން އަނެއްގައުމާ މުއާމަލާތް ކުރާ ސުލްހަވެރި އަދި ޑިޕްލޮމެޓިކް އުސޫލުގެ ބަދަލުގައި ބޮޑާކަމާއި ހަރުކަށިކަމާ އަދި ޚުދުމުޚްތާރު އުސޫލުން ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފައެވެ. އަދި ވެނެޒުއެލާއާ މުއާމަލާތްކޮށް ގައުމުގެ ދާޚިލީ ކަންކަމާބެހި ވެނެއެލާގެ މިނިވަންކަމާއި އިސްތިގްލާލަށް އެމެރިކާ ގޮންޖަހަން ފަށާފައވާ ކަމަށްވެސް މަޑޫރޯ ކުރިންވަނީ ވިދާޅުވެފައެވެ. މިއާއެކު ވެނެޒުއެލާގެ ސަރުކާރުން އިއްޔެވަނީ އެމެރިކާއާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ މަޑޫރޯ އަކީ ވެނެޒުއެލާގައި ވެރިކަންކުރުމުގެ ހައްގު ލިބިފައިނުވާ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވާފައެވެ. މިއާއެކު މަޑޫރޯ ވަނީ ވެނެޒުއެލާގައި ވެރިކަންކުރުމުގެ ހައްގު ލިބޭފަރާތްތަކާއި ނުލިބޭ ފަރާތްތައް ކަނޑައަޅާނީ އެމެރިކާ ނޫންކަމާއި އެކަންކުރާނީ އެގައުމުގެ ރައްޔިތުން ކަމަށް ވިދާޅުވެ ޕެންސަށް ރައްދު ދެއްވާފައެވެ. (ނޫސްއެޖެންސީތައް)