24 Jan 2019, 09:51
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުއްޓުވޭނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ނަޝީދު މިއަދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކަންތައް ހުންނަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. މެންބަރުން ކުރާ ހަރަދުގެ ތަފުސީލު މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެއްވެސް އިރެއްގައި މުޅިން އެއްކޮށް ނުރަނގަޅު ކަންކަން ކުރުން ހުއްޓައެއް ނުލެވޭނެ. އެކަމަށް އަޅުގަނޑު ވެސް އެއްބަސް. ނަމަވެސް މިހާރު ކަންކަން ގޮސްފައި އެއޮތް ހިސާބުގައި އޮންނާކަށް ނުޖެހޭ. އެއަށް ވުރެ އަޅުގަނޑުމެންނަށް ކަންކަން ރަނގަޅު ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން ރައްޔިތުންނާ ބައްދަލުކުރަން ޖެހޭނެ ގޮތް ވެސް މަޖިލީހުގެ ގަވައިދުގައި ހިމެނެން ޖެހޭ ކަންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަޖިލިސް ހިންގާ ގަވައިދުގެ އާ ޑްރާފްޓެއް އެމްޑީޕީ އިން ވާނީ އެކަލަވާލައިފައި. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުންނަ އިރު މި އާ ޑްރާފްޓު ނެރޭނަން،" މަޖިލިސް ނަޒާހަތްތެރިކުރަން ހަގީގަތުގައި ކުރަން އުޅެނީ ކޮންކަމެއްތޯ އޭރުން ރައްޔިތުންނަށް ސާފުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ނެތް ކަމަށެވެ.