24 Jan 2019, 09:56
ޝިކާގޯ (ޖެނުއަރީ 24): ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބޮކްސިން ތެޅުންތެރިޔާ ކަމަށްވާ މުހައްމަދު އަލީގެ ގެ، މުސްލިމު ކުދިންނަށް ހާއްސަ ސްކޫލަކަށް ހަދަން އެގެ ގަތް ފަރާތްތަކުން ނިންމައިފި އެވެ.
އެމެރިކާގެ މިޝިގަންގައި ހުންނަ އެ ގެ ގަނެފައި ވަނީ ދަރިވަރުންނަށް އެކި ގޮތްގޮތުން އެހީވެދޭ ތުރުކީގެ ފައުންޑޭޝަނަކުންނެވެ. އެފައުންޑޭޝަންގައި އިސްކޮށް ހުންނަވާ ބެހުރަމް ޓުރަން ވިދާޅުވި ގޮތުގައި އެ ގެ ގަންނަން ނިންމީ އެއީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޝިކާގޯ އާ ކައިރި ގެޔަކަށް ވުމާއި އެއީ މުހައްމަދު އަލީގެ ހަނދާންތައް ދަމަހައްޓަން ޖެހޭ ތަނަކަށް ވާތީ އެވެ.
ޓުރަން ވިދާޅުވި ގޮތުގައި އެފައުންޑޭޝަނުން ނިންމާފައި އޮތީ އެ ގެ ސަމާ ސްކޫލަކަށް ނުވަތަ އަހަރީ ޗުއްޓީ ތެރޭ ކުދިން އަންނަ ސްކޫލަކަށް ހެދުމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަށް މުހައްމަދު އަލީ މިއުޒިއަމް އާއި އަލީގެ އާއިލާއިން އެހީތެރިކަން ލިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ އެ ގެ ސަމާ ސްކޫލެއް ހިމެނޭ އަދި ކޮންފަރެންސްތައް ބާއްވާ ކޮމިއުނިޓީ ސެންޓަރަކަށް ހަދަން،" ޓުރަން ވިދާޅުވި އެވެ.
އެގެޔަކީ 1970ގެ އަހަރުތަކުގައި މުހައްމަދު އަލީ 400،000 ޑޮލަރަށް ގަތް ގެޔެކެވެ. ހަތަރު ކޮޓަރި ހުންނަ އެގޭގައި ޖިމަކާއި ބާސްކެޓް ބޯޅަ ކުޅޭ ދަނޑަކާއި ޕޫލެއް ހިމެނެ އެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގޭގެ އަގު ދެ މިލިއަނަށް ވުރެ ބޮޑު ވާނެ އެވެ.
ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ މުހައްމަދު އަލީ މަރުވީ ނޭވާލާން އުނދަގޫވެ، ފީނިކްސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް 2016 ވަނަ އަހަރެވެ. އުމުރުން 12 އަހަރުގައި ބޮކްސިންގެ ދުނިޔެއަށް ނުކުތް އަލީ އިސްލާމްދީން ގަބޫލު ކުރީ 1960ގެ އަހަރުތަކުގަ އެވެ.