24 Jan 2019, 09:57
ސްޕެނިޝް ލީގު ކަޕުގެ ފުރަތަމަ ލެގުގައި ބާސެލޯނާ، ސެވިއްޔާ އަތުން 0-2ގެ ނަތީޖާއަކުން ބަލިވީ، އެޓީމުގެ ތަރި ލިއޮނަލް މެސީ ނޭރުމުން ނޫން ކަމަށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ބާސާގެ މައްޗަށް ކުރި ހޯދައި ސެވިއްޔާ ވަނީ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފައެވެ. ވޭތުވެ ދިޔަ ހަތަރު އަހަރުވެސް މި މުބާރާތް ކާމިޔާބު ކުރީ ބާސެލޯނާއެވެ. ނަމަވެސް ފަސް ވަނަ އަހަރަކަށް މި މުބާރާތް ކާމިޔާބު ކުރަން ބޭނުން ނަމަ މި ބުރުގެ ދެވަނަ ލެގުގައި [ބާސާގެ އަމިއްލަ ދަނޑުގައި] ކުޅޭ މެޗުން ތިން ގޯލުގެ ލީޑެއް ނަގަން ޖެހޭނެއެވެ.

ބާސެލޯނާ އަދި ސެވިއްޔާ ބައްދަލު ކުރި މެޗުގައި ސެވިލާ ގޯލު ޖެހުމަށްފަހު -- ފޮޓޯ / ޖޭމީ ސްމިތް
ރޭގެ މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ވަނީ އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކުޅެން ނެރެފައެވެ. ނަމަވެސް ޕަބްލޯ ސަރާބިއާ އަދި ވިސާމް ބެން ޔެޑަރް ވަނީ ސެވިއްޔާއަށް ގޯލު ޖަހައިދީ ބާސެލޯނާ ކުއާޓާއަށް ދިއުމަށް ހުރަސް އަޅައިފައެވެ.
މި ސީޒަނުގައި މެސީ ނުލައި ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން ބާސެލޯނާ ވަނީ ބަލިވެފައެވެ. ނަމަވެސް ރޭގެ މެޗުން ބަލިވީ މެސީ ނެތިގެން ނޫން ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.
"ކުރީ މެޗުގައި ވެސް އަހަރަމެން ކުޅުނީ މެސީ ނެތި. އެ މެޗުގައި ވެސް ހަމަ ރަނގަޅަށް ކުޅެގެން މޮޅުވި. އެހެންވީމަ ބަލިވުމުގެ އުޒުރަކަށް މެސީ ނެތީމައޭ ބުނެގެން މިކަން ނިންމައެއް ނުލެވޭނެ،" މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.
"މި ކަޕަކީ ވެސް އަހަރުމެންނަށް ވަރަށް މުހިންމު ކަޕެއް. އެކަމު ބޮޑަށް ޓީމު ތައްޔާރު ވަމުން މިދަނީ އަންނަ މަހު ޗެމްޕިއަންސް ލީގުގެ މެޗަށް. އަމިއްލަ ދަނޑުގައި، [ސެވިއްޔާއާ ކުޅެވޭ ދެވަނަ ލެގުގައި] ކުޅޭ މެޗުގައި މެސީގެ ފަރާތުން ތަފާތު ފެނިގެން ދާނެ ކަމަށް އުންމީދު ކުރަން،" ސުއަރޭޒް ބުންޏެވެ.
ބާސެލޯނާ އަދި ސެވިއްޔާ ބައްދަލު ކުރާ ދެވަނަ ލެގު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އޭގެ ކުރިން ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ސެވިއްޔާ، ލެވަންޓޭއާ ބައްދަލު ކުރާއިރު ޖެހިގެން އަންނަ ދުވަހު ބާސެލޯނާ ބައްދަލު ކުރާނީ ޖިރޯނާ އާއެވެ.