ވިލިމާލޭގައި ޕްރީސްކޫލެއް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް، 5.2 މިލިއަން ރުފިޔާ އަށް އެފްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑްއާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތައުލީމީ ފަންޑުގެ ޗެއާމަން ޑރ. އަހުމަދު އަލިމަނިކު އަދި އެފްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ސިހާދު އިބްރާހިމް އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ޒާހިރު މިއަދު ވިދާޅުވީ ވިލިމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ޕްރީސްކޫލަކީ ތައުލީމީ ފަންޑުން ހަރަދުކޮށްގެން އަޅާ ސްކޫލެއް ކަމަށެވެ. ސްކޫލް ހިންގުމަށް އެޑިއުކޭޝަނުން ގަސްތުކުރަނީ ޕީޕީޕީގެ ދަށުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވިލިމާލޭގައި ދެ ބުރިއަށް އިމާރާތް ކުރުމަށް ހަމަޖައްސާފައިވާ ޕްރީސްކޫލްގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ.

މިއަދު ވަނީ ތައުލީމީ ފަންޑުގެ ވެބްސައިޓް ވެސް ލޯންޗުކޮށްފަ އެވެ. އެ ވެބްސައިޓް އެޑްރެހަކީ www.thauleemeefund.com އެވެ.