24 Jan 2019, 09:10
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހީމް އިސްމާއީލު (އިބްރާ)، ނަބިއްޔާއަށް ފުރައްސާރަ ކުރިކަމަށް ކިޔާ ޓްވީޓުގައި ނަބިއްޔާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން ޝެއިހް ޝަފީހު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އިބްރާގެ ޓުވީޓުގައި ނަބިއްޔާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ދޭހަ ނުވާ ކަމަށާއި ނަމަވެސް އިބްރާގެ ބަސްމަގު ހުރީ ވަރަށް ހުތުރުކޮށް ކަމަށެވެ.
"އިބްރާ، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރިޔޭ ކިޔާފައި ދައުރުވާ ޓުވީޓުގައި، މާތް ނަބިއްޔާއަށް ފުރައްސާރަ ކޮށްފައި އިން ކަމަކަށް އަޅުގަނޑަށް ހަމަ ގައިމު ވެސް ދޭހައެއް ނުވޭ. އޭނާގެ ބަސްމަގު ހުރީ ވަރަށް ހުތުރުކޮށް." ޝެއިޚް ޝަފީޢު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެ އެވެ.
އިބްރާގެ ޓްވީޓުގައި ވާހަކަ ގެނެސްފައި ހުރީ އެހެންމީހަކު ނުވަތަ ބަޔަކު ބުނާ ވާހަކައެއް، "ބުންޏޭ" ކިޔާ އިބާރާތުން، ބަޔަކު އެހެން ކިޔާ ކަމަށް ތުހުމަތު ކުރާ ގޮތަށް ކަމަށް ވިދާޅުވަމުން ޝެއިޚް ޝަފީޢު ވިދާޅުވެފައި ވަނީ، "އެކަމަކު އޭނާ އެ ވާހަކަތައް ގެނެސްފައި ވަނީ، އޭނާގެ ޚަޞްމުން ބުނާ ވާހަކައެއްގެ ގޮތަށް. އަދި އެއަށް ފަހު، އޭނާ ސުވާލުކޮށްފައި އިނީ އެތަނުން ރަސޫލާ އަކީ ކާކުހޭ؟ އެ ސުވާލަކީ ވެސް އޭނާގެ ޚަޞްމުންނާ ކޮށްފައިވާ ސުވާލެއް،" ކަމަށެވެ.
ޝަފީއު ވިދާޅުވެފައި ވަނީ އިބްރާގެ ބަސް މަގު ވަރަށް ގޯސް ކަމަށާއި އެހެންނަމަވެސް، އެ ޓްވީޓްގެ ސީޣާ އިން އެއީ ނަބިއްޔާއަށް ފުރައްސާރަ ކޮށްފައި ވާ ޓުވީޓެއް ކަމަށް ދޭހަ ނުވާ ކަމަށެވެ.
"މީގެ މާނައެއް ނޫން އިބްރާގެ ދިފާއުގައި އަޅުގަނޑު ނުކުތީއޭ. އިބްރާ އެބަހުރި ސެކިއުލާ ފިކުރު ފަތުރަން ބައިވަރު ޕޯސްޓުތައް ކޮށްފައި. ނަމަވެސް، މިހުރިހާ ކަމަކަށް ފިޔަވަޅު އަޅަންޖެހޭނީ ކަމާ ބެހޭ ފަރާތުން،"
ޝެއިޚް އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުން ނުކުމެ އިހުތިޖާޖް ވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އިބްރާގެ ޖިސްމަށާއި އޭނާގެ މުދަލަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން ގޯސްކަމެއް ކަމަށް ޝެއިޚް ދެކެވަޑައިގަންނަވާ ކަމަށެވެ.
މަންދު ކޮލެޖުގެ ވެރިޔާ އިބްރާގެ ޓުވީޓާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ގަބޫލުކޮށްފައި ވަނީ އެއީ މާތް ނަބިއްޔާއަށް އަށް ފުރައްސާރަކޮށްފައިވާ ޓްވީޓެއް ކަމުގަ އެވެ.
Adhi Rasoolaa ves amaanaaiytheri eh nooney. Allah baavvaa levvi baeh aayaiy Asthu gefaanu endhu thandhoshah lavvaigen faalhu nukuravvaa hunneviyyey. Mee konfadha laadheenee vaahaka? Mohamed vanhanaa kurevviyyey. Umar haama kurevviyyey.
Rasoolakee mithanun kaaku?— Ibra (@ibramandhu)January 18, 2019
މަންދު ކޮލެޖުގެ ބިއްލޫރިގަނޑެއް ދާދި ފަހުން ބަޔަކު ތަޅާލާފައިވާ އިރު، އާދީއްތަ ދުވަހުގެ ރޭ ވަނީ އެ ހިސާބުގައި ޒުވާނުންތަކެއް އެއްވެ، އެމީހުންގެ ޝޫއޫރު ފާޅުކޮށްފަ އެވެ. ފުލުހުން ވަނީ މަންދު ކޮލެޖު ކުރިމަތީގައި އިހުތިޖާޖު ކުރި ބަޔަކު މި ހަފުތާގެ ތެރޭ ފުލުހަށް ހާޒިރުކޮށްފަ އެވެ.