24 Jan 2019, 00:52
އެއްވެސް މީހަކާ ޒާތީ ރުޅިވެރިކަމެއް ނެތް ކަމަށާއި، އިއްޔެގެ ހަތުރުންނަކީ މިއަދުގެ މިތުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، ކުނޫޒުގައި އެ ޕާޓީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ގާސިމް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދީފަ އެވެ. ގާސިމް ފަހަކަށް އައިސް އެމްޑީޕީއަށް ފާޑުވިދާޅުވަމުން ގެންދަވާ އިރު ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ ވަކިވެދާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
"އަޅުގަނޑުމެންގެ ނެތޭ ޒާތީ ރުޅިވެރިކަމެއް އެކަކާ މެދުގައިވެސް. އިއްޔެ އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ގޮވި މީހުން، އިއްޔެގެ ހަތުރުން. މިއަދުގެ މިތުރުން، މިއަދުގެ މިތުރުން މާދަމާގެ ހަތުރުންނަށް ވާނީ. މިއީ ނޫންތޯ ދުނިޔެ ހިނގާ ގޮތަކީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވި އިރު ކުރީގެރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާ ޕާޓީ، ޕީއެންސީގެ މެމްބަރުން ވަނީ، އެ ޕާޓީ ރަޖިސްޓްރީ ކުރުމުގައި ލަސްވާތީ ކަންބޮޑުވެ ގާސިމާ ބައްދަލު ކޮށްފަ އެވެ. އަދި އެއަށް ފަހު ގާސިމް ވަނީ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބަށް ވެސް ގުޅުއްވާފަ އެވެ.
އަދި މިރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ 24 ގަޑިއިރު މަޖިލީސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.
"ޕާޓީ ރަޖިސްޓްރީ ކުރެވޭން ޖެހޭނެ އެހެން މީހުންނަށް ވެސް އޮންނަ އުސޫލުން. ވަކި އިތުރު ގަވާއިދެއް ހަދައިގެން އެކަންކަމެއް ނުކުރެވޭނެ. ކޮށްގެން ނުވާނެ. އެހެން ކަމަށް ވާނަމަ މި ބޭފުޅުން މި މައްސަލަ ހުށަހަޅައިފި ނަމަ އަޅުގަނޑު 24 ގަޑިއިރު މަޖިލިސް ހުޅުވައި ބަހައްޓައިގެން އަޅުގަނޑު އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު، އަޅުގަނޑު އެކަންތައް ކުރާނަން. އަޅުގަނޑަށް ކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
މިރޭ ދެއްކެވި ވާހަކައިން ޖޭޕީ ކޯލިޝަނުން ވަކިވުމުގެ އިޝާރާތެއް ގާސިމް ދެއްވި އިރު އޭނާ ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ، މަޖިލީސް އިންތިހާބަށް ޖޭޕީއިން އެހެން ޕާޓީތަކާ ގުޅެން ތައްޔާރަށް އޮތްކަން ވެސް ހާމަކުރައްވާފަ އެވެ.