24 Jan 2019, 00:30
ޖުމްހޫރީ ޕާޓީއަށް ސޮއި ނުކުރައްވާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމަކީ މީގެ ކުރީން ޖޭޕީގައި އުޅުއްވި ބޭފުޅެކެވެ. ގާޒީކަން ކުރެއްވުމުގެ ކުރީން އޭނާ ވަނީ ޖޭޕީގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާފަ އެވެ.
ހަލީމް މިރޭ "ސަން"އަށް ވިދާޅުވީ، އޭނާ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނީ މަނަދޫ ދާއިރާއަށް ކަމަށެވެ. އަދި އޭނާ ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ވިދާޅުވި އެވެ.
މިރޭ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަލީމްގެ އަނބިކަނބަލުން އައިމިނަތު މުނީރު ވަނީ އެ ޕާޓީއަށް ސޮއި ކުރައްވައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ފޯމު ހަވާލު ކުރައްްވާފަ އެވެ.
އެކަމާ ގުޅިގެން ހަލީމް ވިދާޅުވީ، އަނބިކަނބަލުން ގެންގުޅުއްވަނީ ވަކި ސިޔާސީ ފިކުރެއް ކަމަށާއި، އަނބިކަނބަލުން ސޮއި ކުރެއްވި ނަމަވެސް އޭނާ ޖޭޕީއަށް ސޮއި ނުކުރައްވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމުން ހަލީމް އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކަމަށެވެ.
އަދި އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ އިސްލާހީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޯޓުތަކަށް އަލުން ފަނޑިޔާރުން އައްޔަން ކުރަން ފުރުސަތު ދިނުމަށް، މިހާރު ތިބި ފަނޑިޔާރުން އިސްތިއުފާ ދެެއްވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ އެކަމުގެ މިސާލެއް ދެއްކުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
ހަލީމް އިސްތިއުފާ ދެއްވުމުގެ ކުރީން އޭނާ ވަނީ މާލީ ބަޔާންވެސް އާންމު ކުރައްވާފަ އެވެ.