24 Jan 2019, 00:27
އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމަށް 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ރަޖިސްޓްރީކުރުން ލަސްވާ މައްސަލައިގައި އެ ޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ގާސިމްއާ ބައްދަލު ކުރައްވައިފި އެވެ.
މިރޭ ޖުމްހޫރީ ޕާޓީ އަށް މެމްބަރުންތަކެއް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ގާސިމް ވިދާޅުވީ، ޕީއެންސީ ރަޖިސްޓްރީ ވުން ލަސްވުމުގެ މައްސަލައިގައި މަޖިލިސް މެމްބަރުންތަކެއް އަދިވަޑައިގަތުމުން އެބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށާއި ޕީއެންސީ ރަޖިސްޓްރީ ކުރުމަށް 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް އެކަން ކުރާނެ ކަމަށެވެ.
"ޕާޓީ ރަޖިސްޓްރީ ކުރެވޭން ޖެހޭނެ އެހެން މީހުންނަށް ވެސް އޮންނަ އުސޫލުން. ވަކި އިތުރު ގަވާއިދެއް ހަދައިގެން އެކަންކަމެއް ނުކުރެވޭނެ. ކޮށްގެން ނުވާނެ. އެހެން ކަމަށް ވާނަމަ މި ބޭފުޅުން މި މައްސަލަ ހުށަހަޅައިފި ނަމަ އަޅުގަނޑު 24 ގަޑިއިރު މަޖިލިސް ހުޅުވައި ބަހައްޓައިގެން އަޅުގަނޑު އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު، އަޅުގަނޑު އެކަންތައް ކުރާނަން. އަޅުގަނޑަށް ކުރެވޭނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.
"ޕާޓީ ރަޖިސްޓްރީ ކުރެވެން ޖެހޭނެ އެހެން މީހުންނަށް ވެސް އޮންނަ އުސޫލުން. ވަކި އިތުރު ގަވާއިދެއް ހަދައިގެން އެކަންކަމެއް ނުކުރެވޭނެ. ކޮށްގެން ނުވާނެ. އެހެން ކަމަށް ވާނަމަ މި ބޭފުޅުން މި މައްސަލަ ހުށަހަޅައިފި ނަމަ އަޅުގަނޑު 24 ގަޑިއިރު މަޖިލިސް ހުޅުވައި ބަހައްޓައިގެން އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތު، އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑު އެކަންތައް ކުރާނަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، އެއީ އިންޒާރެއް ނޫން ކަމަށާއި އެގޮތަށް ޕާޓީ ރަޖިސްޓްރީ ކުރުން ލަސްކޮށް "ޒާތީ ވުމަކީ އެވެސް މުއައްސަސާއަކުން ވަކި މީހަކާ ދޭތެރޭ އަދި ވަކި ބަޔަކާ ދޭތެރޭ ވެސް ކަންތައްކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ.