06 Oct 2011, 14:23
އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމާ ގުޅިގެން އެއީ ދީނާއި ޚިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެފައި ވާތީ ދީނީއެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން އަލްހާނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ޖަމިއްޔަތުއް ސަލަފުން ހޯމް ނިސްޓަރު ހަސަން އަފީފަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
ހޯމް މިނިސްޓަރަށް އެޑްރެސްކޮށް ޖަމިއްޔަތުލް ސަލަފުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ގަވާއިދާ ޚިލާފުވެ، އިސްލާމްދީނުގެ ހުކުމެއް ބަޔާންކޮށް، ފަތުވާ ދެއްވާފައިވާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ގަވާއިދުގެ ދޭއްގެ ހ. އާއި އަދި ޤަވާއިދުގެ ފަސް ވަނަ މާއްދާގެ ރ،ބ،ޅ،އ،ވ،ފ އާ ޚިލާފުވެ، އިސްލާމް ދީނުގެ ހުކުމެއް ބަޔާންކޮށް ޢާންމުކޮށް ފަތުވާދީފައިވުމުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ ހަ ވަނަ މާއްދާގެ ހ. އިން އަލްހާންގެ މައްޗަށް ޤާނޫނީ ގޮތުން ހުކުމް ލާޒިމް ވެގެންދާތީ އެކަމާ މެދު ތިޔަ މިނިސްޓްރީގެ ޒިންމާ އަދާކުރައްވާ ޤާނޫނީ ފިޔަވަޅު އެޅުމަށް އެދި ޖަމިއްޔަތުއްސަލަފުން ހުށައެޅީމެވެ،"
ސަލަފްގެ ސިޓީގައި އަދި ބުނެފައި ވަނީ މީޑިއާތަކުންނާއި ބައެއް ޕާޓީތަކުން މިކަން ކުށްވެރިކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަމާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާ ގައި ބުނާ "ޤާނޫނު ގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް" ކަމަށް ބުނެފައިވީ ނަމަވެސް އެކަމާ މެދު ޤާނޫނު ހިންގުމުގައި ސަރުކާރުގެ ޢަމަލެއްފެނިފައިނުވާ ކަމަށް ވެސް ސަލަފްގެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ވެރީންނަށް ކިޔަމަންވުމަކީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމެއް ކަމަށާއި ވެރީންގެ މައްޗަށް ނުކުތުމާއި ވެރީންގެ މައްޗަށް ފިތުނަ އުފެދޭ ވާހަތައް ދެއްކުމަކީ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ ޚިލާފް ކަމެއް ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ނުލައި އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަކީ ކަނޑައެޅިގެން ދީނާއި ޚިލާފްކަމެއް ކަމަށެވެ.
"ކީރިތި ގުރުއާނުގައި މާތް ރަސްކަލާނގެ އަންގަވާފައި އޮވޭ ވަރަށް ސާފުކޮށް އެކަލާނގެއަށް ކިޔަމަންތެރިވުމަށް ފަހު ކީރިތިރަސޫލާ އަށް ކިޔަމަންވުމަށް ފަހު ތިޔަބައިމީހުންގެ ވެރީންނަށް ކިޔަމަންވާށޭ. އެހެންވީމާ ވެރީންގެ މައްޗަށް ނުކުތުމާއި ވެރީންގެ މައްޗަށް ފިތުނަ އުފެދޭ ވާހަތައް ދެއްކުމަކީ އިސްލާމީ ޝަރީއަތުގެ އަސްލާއި ޚިލާފްކަމެއް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އެއްވެސް ސަބަބެއް ނެތި އެއްވެސް އަސްލެއްނެތި ރައީސް ނަޝީދު ކުރެއްވި ކުށަކާނުލާ އުފެއްދި ފިތުނަޔަކާ ނުލާ ހިންގި ޖަރީމާޔަކާ ނުލާ އެގޮތަށް ވަކިވާ ވަކިވުމަކީ އެއީ ކަނޑައެޅިގެން ދީނާއި ޚިލާފްކަމެއް." އަލްހާން ވިދާޅުވި އެވެ.