ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ތެރެއިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސަރުކާރު ވައްޓަލަން އުޅޭ ކަމަށް ސަރުކާރު ކޯލިޝަން އަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީ ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީީމް ވިދާޅުވެއްޖެ އެވެ.

މިއަދު ޖުމްހޫރީ ޕާޓީ އަށް މެމްބަރުންތަކެއް ސޮއި ކުރެއްވުމަށް އެޕާޓީ ގެ އިދާރާ، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލީހް ވެރިކަމަށް އައިތާ އަދި ދެމަސް ދުވަސް ވެސް ނުވާ ކަމަށާއި ނަމަވެސް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލައި، ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާލަށް އަމާޒު ކޮށްފައިވާ ކަމަށެވެ.

"މިހާރު އެޕާޓީ ތެރެއިން ބޮޑު ސިންގާ ފަސާދައެއް އުފައްދާ، އެ ޕާޓީ ތެރެއިން ބޮޑު ސިންގާ ކަންތައްގަނޑެއް ރާވައިގެން، ބޮޑު ސިންގާ ހާއިޖާނެއް ރާވައިގެން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާލަށް އަމާޒުކޮށް، ސަރުކާރު ވައްޓާލާ އަނެއްކާ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ރާވަމުން ގެންދަވާ ކުޅިގަނޑު އަޅުގަނޑުމެން މިތިބިީ ރަނގަޅަށް ބަލަން،" ސަރުކާރު ކޯލިޝަން ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރު ކަމުގައިވާ ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީ ގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާފައިވާ ބަރުލަމާނީ ނިޒާމަށް މިރޭ ވެސް ގާސިމް ވަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެވެެ.

ގާސިމް ވިދާޅުވީ، "އެމްޑީޕީ އިން ކުރަން ބޭނުންއެވާ ކަންތައް ނޭނގެން މިއީ ކުޑަކުދިން ނޫން" ކަމަށާއި ކިތަންމެ ވަރެއް ކުރިޔަސް ވެރިކަމުގައި ހުންނަވަން ރައީސް ސޯލިހު ބޭނުންފުޅުވާހާ ހިނދަކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށެވެ.

"ގާނޫނު އަސާސީ އާއި ގާނޫނުގެ ހުދޫދުގެ އިމުގެ ތެރެއިން އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގާނޫނީ ވާޖިބު އަދާ ކުރައްވަމުން ގެންދަވާ ހިނދަކު އަޅުގަނޑުމެން ތިބޭނީ އެކުއެކީ އަތުގުޅާލައިގެން،" ރައްޔިތުންގެ މަޖިލީހުގެ މަމިގިލީ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބަށް ކޯލިޝަން އެއްބަސްވުމެއް އެބަ އޮތް، ވަގުތު ޖެހުމުން އާންމު ކުރާނަން"

ގާސިމް ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ މެދުގައި މަޖިލިސް އިންތިހާބަށް ކުރެވިފައިވާ އެއްބަސް ވުމެއް އެބަ އޮތް ކަމަށާއި ވަގުތު އައިސް ޖެހުމުން އެ އެއްބަސް ވުން ވެސް އާންމު ކުރާނެ ކަމަށެވެ.

"ތިމާމެން ކޮށްފައިވާ އަހުދާ ވަހުދު، ތިމާމެން އުވާލި އުވާލުން. ތިމަންނާމެން އެގްރިމަންޓެއް ނުކުރަމޭ، ކިހިނެތް ކުރާ އެއްޗެއްތޯ އެގްރިމަންޓް މިއީ. ދެން އެތާގައި ޗެއާޕާސަން އަކަށް ހުންނެވި ބޭފުޅަކު މި ވިދާޅުވަނީ، އެގްރިމަންޓެއް ނެތޭ. ކޮންގޮތަކަށް ނެތް ވާހަކަ ތޯ. އަޅުގަނޑުމެން އޭތި ޝާއިއު ކުރަންވީތޯ ނޫހުގައި. އެކަމަމު އަޅުގަނޑުމެންގެ ރެސްޕެކްޓަށްޓަކައި އަޅުގަނޑުމެން ބޭނުން ނުވަނީ އެކަހަލަ ހަޑި މުޑުދާރު ކަމެއް ކުރަން،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އިޝާރާތްކޮށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އެމްޑީޕީ އަށް މިރޭ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޖުމްހޫރީ ޕާޓީ އާ އެމްޑީޕީ އާއެކު މައްސަލަތަކެއް ޖެހުނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަަށް ނާދެވުނު ހިސާބުންނެވެ.