23 Jan 2019, 23:26
ސިވިލް ކޯޓުގެ ގާޒީ ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ގާޒީ މުހައްމަދު ހަލީމްގެ އަނބިކަނބަލުން މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
މިރޭ ޖޭޕީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަލީމްގެ އަނބިކަނބަލުން އައިމިނަތު މުނީރު ވަނީ އެ ޕާޓީއަށް ސޮއި ކުރައްވައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ފޯމު ހަވާލު ކުރައްްވާފަ އެވެ.
ހަލީމަކީ މީގެ ކުރީން ޖޭޕީގައި އުޅުއްވި ބޭފުޅެކެވެ. ގާޒީކަން ކުރެއްވުމުގެ ކުރީން އޭނާ ވަނީ ޖޭޕީގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާފަ އެވެ.
އޭނާ ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކަމަށެވެ.
އަދި އޭނާގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ އިސްލާހީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޯޓުތަކަށް އަލުން ފަނޑިޔާރުން އައްޔަން ކުރަން ފުރުސަތު ދިނުމަށް، މިހާރު ތިބި ފަނޑިޔާރުން އިސްތިއުފާ ދެެއްވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ އެކަމުގެ މިސާލެއް ދެއްކުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.