އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ރާއްޖޭގެ ރެޒިޑެންޓް އެމްބަސީއެއް ހުޅުވުމުގެ ޝައުގުވެރިކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާޅު ކުރައްވައިފި އެވެ.

ވޮޝިންޓަނުގައި ރެޒިޑެންޓް އެމްބަސީއެއް ހުޅުވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވީ، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެމެރިކާގެ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސްގައި (ސީއެސްއައިއެސް) ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ނުހުރެ އެެވެ. މިހާރު ރާއްޖެއިން އެމެރިކާއަށާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަ މަންދޫބަކީ، ނިއުޔޯކުގައި ހުންނަ، އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަންގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އެހެން ނަމަވެސް، ދެން އެ މަގާމަށް އަންނާނީ އެ މިޝަނުގެ ޑެޕިއުޓީ އެމްބެސެޑަރުކަން މީގެ ކުރިން ކުރައްވާފައިވާ ތިލްމީޒާ ހުސެއިނެވެ. އޭނާއަށް މިހާރު މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

ސީއެސްއައިއެސްގައި މިއަދު މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކަމަށް ރާއްޖެއާ އެމެރިކާ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެ ގޮތުން، ރާއްޖެއަކީ އިންޑިއާ ކަނޑަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެ އިތުރުން ސަރަހައްދީ ސަލާމަތައްޓަކައި އަދި ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ރާއްޖެ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދު މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓާއި ޔޫއެސް އެއިޑުގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.