ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސ. މީދޫ ހަސަންކާރިގެ، މުހައްމަދު ފަރުހާދު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ފަރުހާދު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު ލިޔުން ހަވާލު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެވެ.

ޖޭޕީއާ ސޮއި ކުރެއްވުމަށް ފަހު ފަރުހާދު ވިދާޅުވީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހަގީގީ ބައްޕަ ކަމުގަ އެވެ.

"ޑިމޮކްރެސީގައި އަޅުގަނޑުމެންގެ ބައްޕައާ އެއްކޮށް މަސައްކަތް ކުރަން، ޑިމޮކްރެސީ ރާއްޖޭގައި ކުރިއަރުވައި، ޑޮމްކްރެސީއަށް މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށްޓަކައި މިރޭ ވަރަށް އުފާ ކުރަން،" ފަރުހާދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފަހުގެ ތާރީހެއްގައި ގާސިމް ފިޔަވައި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މަސައްކަތް ކުރެއްވި އެހެން ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށް ފަރުހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިޖުތިމާއީ އަދި ސިއްހީ ދާއިރާއިންވެސް ގާސިމް ރައްޔިތުންނަށް ހިދުމަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އާސަންދަ އުފެއްދުމުގެ ކުރީންވެސް ގާސިމް އަމިއްލަފުޅަށް އެފަދަ ހިދުމަތެއް ދެއްވަމުން ގެންދެވި ކަމަށް ފަރުހާދު ސިފަ ކުރެއްވި އެވެ.

"އާސަންދައަށް ވުރެ މާ ކުރިން [އޮތް] 'ވިލާސަންދަ'. އަޅުގަނޑުމެގެ ތެރޭގައި މާކުރިން އެމަނިކުފާނުގެ އަމިއްލަ އެހީތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން އައީ،"

އޭނާ ވިދާޅުވީ، ގާސިމް އެނބުރޭ ކޮޅަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރޭ ކަމަށެވެ. އެހެން ކަމުން މިފަހަރުގެ މަޖިލީސް އިންތިހާބުގައިވެސް ޖޭޕީއަށް ކާމިޔާބު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމުން ފަރުހާދު ވަކި ކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.