ގައުމީ ތަރައްގީގެ އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއްބަޔަކީ ޓީޗަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހަރުގެ އެންމެ މޮޅު ޓީޗަރުންނަށް އެވޯޑް ދިނުމަށް އެޑިއުކޭޝަން މިނސްޓްރީން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ހިއްސާ ވަނީ ޓީޗަރުން ކަމަށެވެ. އަދި ގައުމު އެއް ހާލަތުން އަނެއް ހާލަތަށް ވާސިލު ވުމުގައި ޓީޗަރުން އަދާކުރައްވާ ދައުރު ވަރަށް ބޮޑު ކަމަށް ވެސް މަނިކުފާނު ވިދާޅުވިއެވެ.
"އަސާސީ ތައުލީމުން ފެށިގެން އެންމެ މަތީ ތައުލީމާ ހަމަޔަށް އަޅުގަނޑުމުންނަށް ދެވޭ އިރުގައި ތައުލީމީ ދާއިރާ ކުރިއެރުވުމުގަ އާއި ގައުމުގެ ތަރައްގީ އަށް ފަހިވާ ގޮތަށް ކަންތައް ހިގުމަކީ ވަރަށް ބޭނުންތެރިކަމެއް. އެކަން އެގޮތަށް ހިންގައި ދިނުމަށް ނުކުމެ ތިއްބެވި ބަޔަކީ ޓީޗަރުން. ގައުމު އެއް ހާލަތުން އަނެއް ހާލަތަށް ވާސިލު ވުމުގައި ޓީޗަރުން އަދާކުރާ ދައުރު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ ވަޒީފާއަކީ ވަރަށް ބުރަ ވަޒީފާ އެއް ކަމަށާއި ސްކޫލުތަކުގައި ކިޔަވައި ދެއްވާ ޓިޗަރުން އެ ޒިންމާ ވަރަށް ރަނގަޅަށް އަދާ ކުރައްވާ ކަމަށެވެ. އަދި ސްކޫލުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ޓީޗަރުން ކުރައްވާ މަސައްކަތް ތަކާމެދު އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަހަރުގެ މިހާތަނަށް އަޅުގަނޑަށް 108 މަދަރުސާ އަކަށް ދެވިއްޖެ. އަޅުގަނޑު ވަރަށް ކައިރިން ދުށިން ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް. ސްކޫލުގެ ތަރައްގީއަށް އެ ބޭފުޅުން ކުރައްވާ މިންނެތް މަސައްކަތް. އަޅުގަނޑު އުފާކުރަން އެބޭފުޅުން އެ ކުރައްވާ ހިތްވަރަށް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ކުރިމަތި ވެފައިވާ ދަތިތަކަށް އަލި އަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލުތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހިފައިވާ ކަމަށާއި ސްކުލުތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް އެންމެ އެކަށީގެންވަ ގޮތެއްގައި ތައުލީމް ހާސިލް ކުރެވުމުގެ މަގު ތަނަވަސް ކުރަން ޖެހިފައިވަ ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނަށް ލިބޭ އާމްދަނީ ބޮޑު ކުރަންޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތައުލީމަށް ސިޔާސަތުތަކެއް ކަނޑައަޅާފައިވަނީ ވަކި ލަނޑުދަނޑި ތަކެއް ހާސިލު ކުރުމަށް ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މިގޮތުން ސަރުކާރުން ނަގަން ފެށި ޓެކްސް އިން ސަރުކަރުގެ އާމްދަނީ އަންނަ އަހަރުގައި ހީވެސް ނުކުރާ ވަރަށް ވުރެ ބޮޑުވެގެންދާނެ ކަމަށާއި އާމްދަނީގެ ބޮޑުވުމުން ތައުލީމީ ދާއިރާ ތަރައްގީކޮށް ކުރި އެރުވުމަށް، ކުރިން ދުވަހަކުވެސް ހަރަދު ކުރެވިފައިނުވާ ވަރަކަށް ހަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.
"އަންނަ އަހަރުގެ ސަރުކާރުގެ އާމްދަނީ ހީވެސް ނުކުރާ ވަރަށް ބޮޑުވެގެންދާނެ. ސަރުކާރުން ނަގާ ޓެކްސް ތަކުން ލިބޭ އާމްދަނީ ފުރިހަމަ ގޮތުގައި ލިބެން ފައްޓާނީ އަންނަ އަހަރުގައި. މި އާމްދަނީގެ ބޮޑުބައެއް ހަރަދު ކުރަން ނިންމާފައިވަނީ ތައުލީމާއި ސިއްހީ ކަންތައްތައް ކުރިއެރުވުމަށް. މި އާމްދަނީ ލިބެން ފެށުމުން ތައުލީމީ ދާއިރާ އަށް ކުރިން ހަރަދު ކުރެވިފައި ނުވާ ވަރަށް ހަރަދު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑް ތަކުގެ ތެރެއަށް "ޓީޗާސް އެކްސެލެންސް އެވޯޑް" ގެ ނަމުގައި އިތުރު އެވޯޑެއް ރޭގެ ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވަނީ ތައާރަފްކޮށް ދެއްވާފައެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

President Nasheed (mp3)