23 Jan 2019, 19:57
ދީނީ ނުތަނަސްކަން ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ނޭޝަނަލް ސެންޓާ ފޯ ކައުންޓާ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އެހީ ހޯދަން ނިންމައިފި އެވެ.
ދީނީ ނުތަނަވަސްކަން ހައްލު ކުރުމަށް އެކުލަވާލެއްވި ކޮމިޓީއިން މިއަދު ވަނީ ފުރަތަމަ ފަހަރަށް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުމުގައި ވަނ،ީ މިހާރު އުފެދިގެން އުޅޭ ދީނީ ނުތަނަވަސްކަން ހައްލުކުރުމުގައި، ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެނޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން މިކަމުގައި ހޯއްދެވުމަށް ނިންމަވާފަ އެވެ.
ދީނީ ނުތަނަވަސްކަން އިތުރުވާތީ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތަށް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ސޯލިހު ކޮމިޓީ އެކުލަވާލީ އިއްޔެ އެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން އާއި، އިސްލާމިކް މިނިސްޓަރު ޑޮކްޓަރ އަޙްމަދު ޒާހިރާއި ޔޫތް މިނިސްޓަރު ސް އަޙްމަދު މަޚްލޫފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.