23 Jan 2019, 19:23
މިދިޔަ އަހަރު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާންމްދަނީ 13 ޕަސެންޓު އިތުރުވެއްޖެ އެވެ.
ކަސްޓަމްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރު ކަސްޓަމްސް އިން ދައުލަތަށް ލިބުނު އާންމްދަނީ ވަނީ އިތުރުވެފަ އެވެ. 2017 ވަނަ އަހަރު 2.9 ބިލިއަން ރުފިޔާ އާންމުދަނީގެ ގޮތުގައި ލިބުނު އިރު މިދިޔަ އަހަރު ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ 13 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފާއިތުވި 2018 ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރު ދިވެހިރާއްޖެއަށް 38 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ 2018 ވަނައަހަރު އެ އަދަދުވަނީ 47 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އެންމެ ގިނައިން އިމްޕޯޓު ކުރި ފަސް ގައުމު:
- ޔޫއޭއީ: 18 ޕަސެންޓު
- ޗައިނާ: 17 ޕަސެންޓު
- ސިންގަޕޫރު: 13 ޕަސެންޓު
- އިންޑިއާ: 10 ޕަސެންޓު
- މެލޭޝިއާ: 8 ޕަސެންޓޫ
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ ނުވަ ޕަސެންޓު ދަށްވެފަ އެވެ. 2017 ވަނަ އަހަރު ރާއްޖެއިން ތިން ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު 2018 ވަނަ އަހަރު އެކްސްޕޯޓުކޮށްފައި ވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ.
އެންމެ ގިނައިން އެކްސްޕޯޓު ކުރި ފަސް ގައުމު:
- ތައިލެންޑް: 36 ޕަސެންޓު
- ޖަރުމަނުވިލާތް: 13 ޕަސެންޓު
- އިނގިރޭސިވިލާތް: 9 ޕަސެންޓު
- އެމެރިކާ: 8 ޕަސެންޓު
- ފަރަންސޭސިވިލާތް: 7 ޕަސެންޓު
މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަގޮތެއްގައި އިމްޕޯޓު ކުރި މުދަލުގެ އަގު އިތުރުވެ، އެކްސްޕޯޓު ކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެކްސްޕޯޓާއި އިމްޕޯޓުވެސް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގައި ލިބުނު އާންމުދަނީވެސް ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާ އިރު އިތުރުވެފަ އެވެ.
ކަސްޓަމްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 4.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގަކީ 3.9 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 9 ޕަސެންޓު އިތުރެވެ.
މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން އިމްޕޯޓު ކުރި ގައުމުތައް:
- ސިންގަޕޫރު: 16 ޕަސެންޓު
- ޔޫއޭއީ: 15 ޕަސެންޓު
- ޗައިނާ: 12 ޕަސެންޓު
- އަޔަރލޭންޑް: 8 ޕަސެންޓު
- އިންޑިއާ: 8 ޕަސެންޓު
އެކްސްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 525 މިލިއަން ރުފިޔާ އެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 444.6 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ 18 އިންސައްތަ އިތުރުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން އެކްސްޕޯޓު ކުރި ގައުމުތައް:
- ތައިލެންޑް: 58 ޕަސެންޓު
- ޖަރުމަނުވިލާތް: 10 ޕަސެންޓު
- އިނގިރޭސިވިލާތް: 10 ޕަސެންޓު
- ފްރާންސް: 4 ޕަސެންޓު
- އިޓަލީ: 4 ޕަސެންޓު
އޭގެ އިތުރުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ކަސްޓަމްސްއިން މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު ފައިސާގެ އަދަދު ވަނީ 14 އިންސައްތަ އިތުރުވެފަ އެވެ. 2017 ވަނަ އަހަރު ޑިސެމްބަރު މަހު ދައުލަތަށް 285 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ ޑިސެމްބަރު މަހު 327 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.