އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީވުން ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއިލް ހަބީބަށް ގުޅުއްވައިފިއެވެ.

ޕީއެންސީ ރަޖިސްޓްރީކުރުން ލަސްވާ މައްސަލައިގައި އެ ޕާޓީގެ މުއައްސިސު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރައްވައިފި އެވެ.

ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ، ޕީއެންސީ ރަޖިސްޓްރީ ކުރުމުގައއި ލަސްވާތީ ގާސިމް އޭނާ އަށް ގުޅުއްވާ އެ ޕާޓީ ރަޖިސްޓްރީ ވުން ލަސްވަނީ ކީއްވެގެންތޯ އެއްސެވި ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ރައީސް [ގާސިމް] މިއަދު ގުޅުއްވި. [ގާސިމް] ވިދާޅުވި ޕީއެންސީ ރަޖިސްޓްރީ ނުވެގެން މިއުޅެނީ ކީއްވެގެންތޯ. އަޅުގަނޑު ދެންނެވިން ރަޖިސްޓްރީ ނުވަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ނުވާތީ ކަމަށް،" އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަބީބު ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ބައްދަލުކޮށް އެ ޕާޓީ ރަޖިސްޓްރީ ކުރުމުގައި ލަސްވާތީ އެކަމުގެ ޝަކުވާ އެމަނިކުފާނަށް ހުށަހެޅި ކަމަށް ގާސިމް ވިދާޅުވި ކަމަށް ހަބީބު ވިދާޅުވިއެެވެ. އެހެން ޕާޓީތަކާ ތަފާތު ކުރުމެއް ނެތި އޮންނަ އުސޫލުގެ ދަށުން އެޕާޓީވެސް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ގާސިމް އެދިވަޑައިގެންނެވި ކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު (ވ)، އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު(ކ) އާއެކު --- ފޮޓޯ/ އީސީ

މިކަމާ ގުޅިގެން "ސަން" އިން ގާސިމް އަށް ގުޅުއްވުމުން ގާސިމް ވިދާޅުވީ، އޭނާ ހުރި މަގާމުގެ ގޮތުން ގުއްޅުއްވީ ކޮންބޭފުޅެއް ކަން ނޭނގޭތީ ފޯނުން ޖަވާބު ދޭން ބޭނުން ނުވާކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ތީ ކޮންބޭފުޅެއް ކަމެއް. ތީ ކޮން ބޭފުޅެއް ކަމެއް ނޭނގި ތި ސުވާލަށް ޖަވާާބު ނުދެއްވޭނެ،" ޕީއެންސީ މައްސަލައިގައި ގާސިމް ހަބީބަށް ގުޅުއްވިންތޯ "ސަން" އިން ސުވާލު ކުރުމުން ގާސިމް ވިދާޅުވިއެވެ.

އަދުރޭ މިއަދު ކުރެއްވި ތުހުމަތުތައް ހަބީބު ދޮގު ކުރެއްވި!

މިއަދު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ މުއައްސިސް އަދުރޭ ވަނީ ހަބީބަށް ތުހުމަތު ތަކެއް ކޮށްފައެވެ.

އަދުރޭ މިއަދު ވިދާޅުވެފައިވަނީ ހަބީބު އޭނާއަށް ފޯނުން ގުޅުއްވާފައި ޕީއެންސީ ރަޖިސްޓްރީ ލަސްވެގެން ދަނީ ޒަތީ ކަމެއްގެ ސަބަބުން ކަމަށް ވިދާޅުވި ކަމަށެވެ.

އަދި ހަބީބު އެގޮތަށް ރާއްޖޭގެ ބާރުވެރި ފަރާތެއް ކާއިރީވެސް ވިދާޅުވި ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

"ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިއަދު އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަބީބު އަޅުގަނޑު ގާތުގައި ވިދާޅުވި، މިހެން މިހެން ވެގެންނޭ. އެހެން ވީމަ އެއީ ޒާތީވީ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން އެބޭފުޅުންނާ ދޭތެރޭ އަޅުގަނޑުމެން ކުރި ތުހުމަތުތަކުގެ ސަބަބުން ކަމަށް މި ޕާޓީއާ ދޭތެރޭ މިގޮތަށް ކަންތައްތައް ކުރައްވަން ޖެހުނީ [ހަބީބު] ކަނޑައެޅިގެން ވިދާޅުވީމަ އެ ވާހަކަ މި ދެންނެވީ،" އަދުރޭ ވިދާޅުވިއެވެ.

"ހަބީބަށް ވިދާޅެއް ނުވެވޭނެ މި ރާއްޖޭގައި ތިބި ބާރުވެރި ތިން ބޭފުޅެއްގެ ތެރެއިން އެއް ބޭފުޅެއް ކައިރީ [އެ ވާހަކަ] ނުދަންނަވާ ކަމަކަށް،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ: އެނާ މިއަދު ވަނީ އީސީގެ މެމްބަރު ހަބީބަށް ތުހުމަތުތަކެއް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުރޭ މިއަދު ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން އެ ތުހުމަތުތައް ހަބީބު ދޮގު ކުރެއްވި އެވެ.

ހަބީބު ވިދާޅުވީ، އެގޮތަށް އަދުރޭ ކައިރީވެސް އަދި އެހެން ބޭފުޅެއް ކައިރީ ވެސް ވިދާޅު ނުވާ ކަމަށެވެ.

"އަބްދުއްރަހީމު އަރިހުގައި އެގޮތަކަށް އަޅުގަނޑު އެވާހަކަ އެއް ނުދަންނަވަން. އަބްދުއްރަހީމް އެއްސްވި ތިމަންނަމެނާ ޒާތީ ކަމެއް ބައިވައިގެން ނޫންހޭ ތިއުޅެނީ. އެހެން ނޫނީ އެހެން ޕާޓީތަކުގެ ފޯމުތައް ޗެކް ކުރާއިރު ފޯމަކުން ފޯމެއް ޗެކް ކުރަންހޭ. އަޅުގަނޑު ދެންނެވިން ނޫނެކޭ،" ހަބީބު ވިދާޅުވިއެވެ.

ވަކިވަކިން ފޯމުތައް ބަލަން ފެށީ މީހުންގެ ޝަކުވާ އައުމުން!

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ މުއައްސިސް ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމުތައް އީސީ އިން ބަލަމުން ދަނީ ކޮންމެ ފަރާތަކަށް ވެސް ގުޅައިގެން ކަމަށާއި އެއީ އެހެން ޕާޓީތަކުގެ ފޯމުތައް ޗެކް ކުރާ އިރު އަމަލު ކުރައްވާ އުސޫލެއް ނޫން ކަަމަށެވެ.

އެކަމާ ގުޅިގެން ހަބީބު ވިދާޅުވީ، 60 އެއްހާ ފޯމު މީހުންނަށް ނޭނގި ޕީއެންސީ ފަރާތުން ހުށަހަޅި ކަމަށް އީސީ އަށް އެނގިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބައެއް މީހުންގެ ޝަކުވާ ވެސް ލިބުނު ކަމަށެވެ.

އަދި އެހެން ޕާޓީތަކުގެ ފޯމުތައް ޗެކް ކުރާ އިރު އެހާ ގިނަ އަދަދަކަށް ޝަކުވާ ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން އީސީ އިން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަމުންދާ ކަމަށެވެ.

އަދުރޭ މިއަދު ވިދާޅުވީ، މިހާތަނަށް އީސީ އަށް 5،100 ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ސައްހަ ކަމަށް ބަލައިގެންފައި ވަނީ 2،300 ފޯމު ކަމަށް ކޮމިޝަންގެ މެމްބަރު ހަބީބު ވިދާޅުވި ކަމަށެވެ.