އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހައްޅުވައިފައިވާ ފޯމުތައް ސައްހަތޯ އެ ކޮމިޝަނުން ކަށަވަރުކުރަނީ، ފޯމު ފުރުއްވި ބޭފުޅުންނަށް ގުޅުއްވައިގެން ކަމަށް އެ ޕާޓީގެ މުއައްސިސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޕީއެންސީ ރެޖިސްޓްރީ ކުރުމަށް އެ ޕާޓީ ގެ މުއައްސިސް، އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ އީސީ އަށް ހުށަހެޅީ 4،000 ފޯމެވެ. ނަމަވެސް އެގެތެރެއިން ބައެއް ފޯމްތައް އިސީ ބަލައިނުގަތުމުން އެ ޕާޓީން ވަނީ އިތުރު ފޯމް ތަކެއް އީސީއަށް ހުށަހަޅާފައެވެ.

ޕީޕީއެމް އޮފީސް، ހ. ހުރަފަގައި ޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޕީއެންސީގެ ފޯމުތައް އީސީއިން ސައްހަތޯ ބަލަނީ އެހެން ޕާޓީތަކުގެ ފޯމުތައް ބެލުމުގައި ކަންކަން ކުރައްވާ ގޮތަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ މެމްބަރަކަށް ވެސް ވަކި ވަކިން އީސީއިން ގުޅާފަައި އެ ޕާޓީ އަށް ސޮއި ކުރެއްވިތޯ އައްސަވާ ކަމަށެވެ.

"ނުގުޅޭ ކޮންމެ ފޯމެއް ރިޖެކްޓް ކުރަނީ. ގުޅާ ކޮންމެ ފަހަރަކު ފޯނެއް ނުނެގި ދާނެ އެއްވެސް މީހަކަށް. ޕާޓީއަށް ސޮއި ކުރައްވާފައި ހުރި މީހަކު ހުރެދާނެ ރާއްޖެއިން ބޭރުގައި ވެސް. ގުޅާ ވަގުތު ފޯނު ނިއްވާލައިފައި ވެސް އޮވެދާނެ. އެހެން ކަމުން އެ ފޯމެއް ރިޖެކްޓް. މިއީކީ މިކަން ކުރަން ޖެހޭ ގޮތެއް ނޫން. މިހާތަނަށް އެބޭފުޅުން [ފޯމު ސައްހަތޯ ބަލަނީ] ރޭންޑަމްކޮށް،" އަދުރޭ ވިދާޅުވިއެވެ.

"[އީސީއިން] ގުޅާފައި އެބޭފުޅުން ވިދާޅުވާ ކަމަށް ބައެއް އަޅުގަނޑުމެން ކާއިރީ އެބަ އަހާ ކީއްވެހޭ ޕީއެންސީއަށް ސޮއި ކުރެއްވީ. ހިތުން ރުހުމުންހޭ ސޮއި ކުރީ،" އިސީއިން މެމްބާޝިޕް ފޯމް ފުރުއްވި ބައެއް މެމްބަރުނަނަށް ގުޅާފައި އެގޮތައް އަައްސަވާ ކަމަށް ވިދާޅުވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

މިއަދު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުރޭ ވިދާޅުވީ، ފާޓީ ރަޖިސްޓްރީ ކުރުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމަތު ނުދެއްވުމަށް އީސީ އެދިވަޑައިގެންނެވި ކަމަށާއި މީޑީއާއަށް މައުލޫމަތު ދީފިނަމަ އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ފަސޭހަ ނުވާނެ ކަމަށް އީސީއިން ބުނި ކަމަށެވެ.

އަދުރޭ ވިދާޅުވީ، މިހާތަނަށް އީސީ އަށް 5،100 ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ސައްހަ ކަމަށް ބަލައިގެންފައި ވަނީ 2،300 ފޯމު ކަމަށް ކޮމިޝަންގެ މެމްބަރު ހަބީބު ވިދާޅުވި ކަމަށެވެ.

އެޕާޓީ ރަޖިސްޓްރީ ކުރުން ލަސްވާތީ އެލްކްޝަން ކޮމިޝަންގެ ފަސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އެގޮތަށް ވިދާޅުވި އިރު، އީސީ އިން މިއަދު "ސަން"އަށް ވިދާޅުވީ، އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުރަސް ނާޅާ ކަމަށާއި ސައްހަ ނޫން ގިނަ ފޯމުތަކެއް ހުރުމުން އަލުން ފޯމު ހުށަހަޅަން އެ ޕާޓީއަށް ފުރުސަތު ދީފައިވާކަމަށެވެ.

ޕީއެންސީ ރަޖިސްޓްރީކުރުން ލަސްވާ މައްސަލައިގައި އެ ޕާޓީގެ މުއައްސިސު އަދުރޭގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާވެސް ބައްދަލުކޮށްފައެވެ.