23 Jan 2019, 16:08
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފިއެވެ.
އެގޮތުން މިއަދު އެ ކޮމިޝަނަށް ރައީސް އައްޔަނު ކުރައްވާފައިވަނީ ކުރިން ސިފައިންގެއާއި ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދެވެ
އޭނާ ވަނީ ކުށް ތަހުގީގުކުރުމުގެ ދާއިރާއިން ތަފާތު އެކި ތަމްރީނުތައް ވެސް ހާސިލް ކުރައްވާފައެވެ.
އަދި އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސެންޓްރަލް ޑިޓެކްޓިވް ސްކޫލުން އެޑްވާންސް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޯހާއި ފްރާންސްގެ ލައިއޮންސްއިން އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަރސް ޓްރެއިނިންގާއި، ސިންގަޕޫރާއި ޖަޕާނުން ކޮބަން ސިސްޓަމް އޮފް ޖަޕާން އެންޑް ނެއިބަރހުޑް ޕޮލިސް ޕޯސްޓް ސިސްޓަމާ ބޭހޭ ތަމްރީނުތައް ފުރިހަމަ ކުރައްވާފައެވެ.
ނާޝިދު އެ ކޮމިޝަނަށް އައްޔަނުކޮށްފައިވަނީ އެ ކޮމިޝަނުގެ މެންބަރު ކަމުން ދާދި ފަހުން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ ކޮމިޝަނުން އިސްތިއުފާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ވަޑައިގަތުމަށެވެ.
އެކޮމިޝަނުން ތަހްގީގް ކުރަމުން އަންނަ މައްސަލަތަކަށް ޕްރޮފެސަރ ހަސަން އުގައިލްގެ އެހީ ހޯދަން ފަށައިފިއިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެ ކޮމިޝަނުގެ ޗެއާ ހުސްނުއްސުއޫދު ވިދާޅުވީ، އުގައިލްގެ އެހީ ހޯދަމުން ދަނީ ފޭސް ރިކޮގްނިޝަން ނުވަތަ މީހުން ދެނެގަތުމާއި، ލައި ޑިޓެކްޝަން ނުވަތަ ދޮގު ހެދުމުން އެކަން ދެނެގަތުމުގެ މަސައްކަތަށް ކަމަށެވެ.