އެންމެ ފަހުން އާސެނަލް އާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި، ފާހަނާއަށް ދަނީ ކަމަށް ބުނެ ޗޭންޖިންގް ރޫމަށް ގޮސް އެނބުރި އައިސްފައި ނުވުމުން އަންޑްރޭސް ކްރިސްޓެންސަން ދެކެ ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ރުޅި ގަދަ ވެއްޖެއެވެ.

ވޭތުވެ ދިޔަ މެޗުގައި ޗެލްސީގެ ކޯޗު ސާރީ އޭނާގެ ތިންވަނަ ބަދަލު ކުޅުންތެރިއާގެ ގޮތުގައި ފޯވާޑަށް ކުޅޭ ކެލަމް ހަޑްސަން އޮޑޯއީ ވަނީ އަރުވާފައެވެ. އެ ވަގުތު ބެންޗުގައި އިން ކްރިސްޓެންސަން އަށް އޭނާ ނާރުވާނެކަން ޔަގީން ވުމުން ޓީމުގެ ކުޅުންތެރިން ގާތު ފާހަނާއަށް ދަނީ ކަމަށް ބުނެ މެޗު ނިމިމުގެ 15 މިނެޓު ކުރިން ވަނީ ޗޭންޖިންގް ރޫމަށް ގޮސްފައެވެ.

ކްރިސްޓެންސަން ފާހަނާއަށް ދިއައީ ސާރީ ގާތުން ހުއްދަ ހޯދައިގެންތޯ އަދި ނޫންތޯ ޔަގީން ނުވި ނަމަވެސް އޭނާ އަނބުރާ ބެންޗަށް އައިސްފައެއް ނުވެއެވެ. އަދި މި އަމަލާ ދޭތެރޭ ޓީމުގެ ކޯޗު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށް ދަ ޓައިމްސް ނޫހުގައި ވަނީ ބުނެފައެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ -- ފޮޓޯ / އެކްސްޕްރެސް.ޔޫކޭ

އުމުރުން 22 އަހަރުގެ ކްރިސްޓެންސަންގެ މި އަމަލުގެ ސަބަބުން އޭނާ ޗެލްސީގައި މަޑު ކުރުމާ މެދު ގިނަ ބައެއް ވަނީ ސުވާލު އުފައްދާފައެވެ. އާސެނަލްގެ މެޗަށް ފަހު ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ނުޖެހިފައި ހުރި ސާރީ ބުނީ ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވާން ބޭނުންވެފަ ތިބި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ހިތްވަރު ކުރި މަންޒަރު ވެސް ފެނިގެން ނުދިޔަ ކަމަށެވެ.

ޗެލްސީ ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރަން ޖެހޭނީ ޓޮޓެންހަމް އާއެވެ. އެއީ އިނގިރޭސި ލީގު ކަޕުގެ ދެވަނަ ލެގުގެ މެޗެކެވެ. މި މެޗުން ބަލިވިޔަސް އަދި އެއްވަރު ވިޔަސް ޗެލްސީ މުބާރާތުން ކަޓާނެއެވެ.