ދުނިޔޭގެ ތިން ގައުމެއްގައި ކުރިއަށްދާ ޓޫރިޒަމް ފެއާތަކެއްގައި ދިވެހިރާއްޖެއިން ބައިވެރިވަމުން އެބަދެ އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ހާމަކޮށްފައިވާ ގޮތުގައި، މިވަގުތު އެ ކޯޕަރޭޝަންގެ ޓީމުތަކުން ހަރަކާތްތެރިވަމުން ދަނީ ޖަރުމަނު ވިލާތާއި ސްޕެއިންގެ އިތުރުން އިންޑިއާގައި ކުރިއަށްދާ ފެއާތަކެއްގަ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެކުންފުނިން ދަނީ ޖަރުމަނުގެ ޑުސެލްޑޯފްގައި މި މަހުގެ 19 އިން 27 އަށް ކުރިއަށްދާ ބައިނަލްއަގުވާމީ ބޯޓް ޝޯ (ބޫޓް ފެއާ)ގައި ބައިވެރިވަމުންނެވެ. އެމްއެމްޕީއާރުސީއާ އެކު ދިވެހި ފަސް ކުންފުންޏަކުން ދަނީ ބޫޓް ފެއާގައި ބައިވެރިވަމުންނެވެ.

އެ ފެއާގައި ރާއްޖެ ޕްރޮމޯޓުކުރަމުން ދަނީ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. އެގޮތުން ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ދަނީ ދެމުންނެވެ.

އިންޑިއާގެ މުމްބާއީގައި މިއަދު ފެށި އޯޓީއެމް އިންޑިއާ ފެއާގައި ވެސް އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފަ އެވެ. އޯޓީއެމް އިންޑިއާއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ ބޮޑު ޓްރެވަލް ޝޯ އެވެ. އޯޓީއެމް އިންޑިއާ ފެއާ ފެށުމުގެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ ވާހަކަ ވެސް ދައްކަވައިފަ އެވެ.

އޯޓީއެމް އިންޑިއާ ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިއަދު ފެށި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާ "ފިތޫރް 2019"ގައި ވެސް އެމްއެމްޕީއާރުސީން ދަނީ 21 ކުންފުންޏަކާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު ފެށި ފިތޫރް 2019 ފެއާއަށް ސްޕެއިންގެ ރަސްގެފާނު ފެލީޕޭ ހަވަނަ ވެސް ޒިޔާރަތްކުރައްވައި، އެ ފެއާ ބައްލަވައިލެއްވި އެވެ.

ފިތޫރު 2019 ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.