23 Jan 2019, 16:02
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުން ލަސްވެގެން ދާތީ، އިލެކްޝަން ކޮމިޝަން (އީސީ)ގެ ފަސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރާނެކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު މައި ޕާޓީ، ޕީޕީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީއެންސީ ރެޖިސްޓްރީ ކުރުމަށް އެ ޕާޓީ ގެ މުއައްސިސް، އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ އީސީ އަށް ހުށަހެޅީ 4،000 ފޯމެވެ. ނަމަވެސް އެގެތެރެއިން ބައެއް ފޯމްތައް އިސީ ބަލައިނުގަތުމުން ކޮންގްރެސް ޕާޓީން ވަނީ އިތުރު ފޯމް ތަކެއް އީސީ އަށް ހުށަހަޅާފައެވެ.
ޕީޕީއެމް އޮފީސް، ހ. ހުރަފަގައި ޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޕީއެންސީ ރަޖިސްޓްރީ ކުރުމުގައި ލަސްވެގެން ދަނީ އީސީ އިން އެޕާޓީ އާ މެދު "ޒާތީ ކަމެއް އޮތުމުން" ކަމަށެވެ.
އަދުރޭ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އޭނާއަށް ފޯނުން ގުޅުއްވާފައި ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ލަސްވެގެން ދަނީ ޒަތީ ކަމެއްގެ ސަބަބުން ކަމަށް ވިދާޅުވި ކަމަށެވެ.
"ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިއަދު އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަބީބު އަޅުގަނޑު ގާތުގައި ވިދާޅުވި، މިހެން މިހެން ވެގެންނޭ. އެހެން ވީމަ އެއީ ޒާތީވީ. އެއީ ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން އެބޭފުޅުންނާ ދޭތެރޭ އަޅުގަނޑުމެން ކުރި ތުހުމަތުތަކުގެ ސަބަބުން ކަމަށް މި ޕާޓީއާ ދޭތެރޭ މިގޮތަށް ކަންތައްތައް ކުރައްވަން ޖެހުނީ [ހަބީބު] ކަނޑައެޅިގެން ވިދާޅުވީމަ އެ ވާހަކަ މި ދެންނެވީ،" އަދުރޭ ވިދާޅުވިއެވެ.
ހަބީބު އެ ވާހަކަ ދެއްކެވީ އޭނާ ކައިރީ އެކަނި ނޫން ކަމަށާއި އެ ވަހާކަ ރާއްޖޭގެ ބާރުވެރި އެއް ބޭފުޅެއް ކައިރީވެސް ދެއްކެވި ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ. އަދި އެކަމުގެ ހެކި ވެސް އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ހަބީބުއަށް އެނގިވަޑައިގަންނަވާނެ ހަބީބު މިއަދު ބޭފުޅެއް ކައިރީ ވިދާޅުވި ކަން ތިމަންނަމެން ކައިރީ ތިމަންނަމެނާ ދޭތެރޭ މިހެން މިހެން ކިޔާފައި އޮތީމަ، ތިމަންނަމެންގެ ހިތުގައި ވެސް ހަސަދަވެރިކަން އެބަ އޮތޭ. ދައުލަތުގެ ބޮޑެއްގެ ކައިރީ ވިދާޅުވި ކަމަށް ހަބީބަށް އެނގިވަޑައިގަންނަވާނެ. ހަބީބަށް އެ ދޮގު ކުރައްވާކަށް ނުކެރޭނެ،" އަދުރޭ ވިދާޅުވިއެވެ.
"ހަބީބަށް ވިދާޅެއް ނުވެވޭނެ މި ރާއްޖޭގައި ތިބި ބާރުވެރި ތިން ބޭފުޅެއްގެ ތެރެއިން އެއް ބޭފުޅެއް ކައިރީ [އެ ވާހަކަ] ނުދަންނަވާ ކަމަކަށް" އަދުރޭ ވިދާޅުވިއެވެ.
ޕީއެންސީ ރަޖިސްޓްރީކުރުން ލަސްވާ މައްސަލައިގައި އެ ޕާޓީގެ މުއައްސިސު އަދުރޭގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާވެސް ބައްދަލުކޮށްފައެވެ.