23 Jan 2019, 15:23
ދިއްލީ (ޖެނުއަރީ 23): އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާންދީ ވަދުރާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފި އެވެ.
ކޮންގްރެސް ޕާޓީން ކުރި ޓުވީޓެއްގައިވާ ގޮތުން ޕްރިޔަންކާ ގާންދީ އައްޔަންކޮށްފައި ވަނީ އުއްތަރަ ޕްރަދޭޝްގެ އިރުމަތީ ސަރަހައްދުގައި ހުންނަވާ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރަ ޕްރަދޭޝްއަކީ އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބުގައި އެންމެ ވާދަވެރި އެއް ސްޓޭޓެވެ. އެސްޓޭޓުގެ 80 މެމްބަރުން ގައުމުގެ ޕާލިމެންޓުގެ ތިރީގޭގައި ތިއްބަވަ އެވެ.
މަންމާފުޅު ސޯނިއާ ގާންދީ އާއި ބޭބެ ރާހުލް ގާންދީއަށް ކެމްޕެއިން ކޮށްދެއްވި ޕްރިޔަންކާ ގާންދީ ވަނީ މީގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވަން ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް އެކަމަނާއަކީ، މާމާފުޅު އަދި ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއެކޭ ގޮތަށް ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ބޭފުޅެކެވެ.