06 Oct 2011, 13:13
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)ގެ ހިއްސާ ފޯމްތައް ބޭންކް އޮފް މޯލްޑިވްސްގެ ކޮންމެ ބްރާންޗަކުން ވެސް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިރާގުގައިވާ ސަރުކާރުގެ ހިއްސާގެ ތެރެއިން 15 ޕަސެންޓް ހިއްސާ އާއްމުކޮށް ވިއްކުމަށް ދިރާގުން ކަނޑައެޅުމާ ގުޅިގެން އެކަމުގައި އިދާރީ މަސައްކަތް ކުރުމުގަ އާއި ހިއްސާ ވިއްކުމުގެ ބޭންކަރެއްގެ ގޮތުގައި އެބޭންކް މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި މިމަހުގެ 25އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް ދިރާގުގެ ހިއްސާ ފޯމްތައް ބަލައިގެންނަމުން ގެންދާނެ ކަމަށެވެ.
ދިރާގުގެ ހިއްސާ ވިއްކުމުގައި ބީއެމްއެލްގެ ދައުރަކީ ހިއްސާ ވިއްކުމުގެ އިދާރީ މަސައްކަތް ކުރުމާއި ބޭންކަރެއްގެ ދައުރު އަދާ ކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެތެރޭގައި ހިއްސާގެ ބަޔާނާއި ހިއްސާއަށް އެދޭ ފޯމު ދޫކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމާއި ފޯމުތަކާއި ލިޔެކިޔުންތައް ޗެކްކުރުމާއި މިފޯމްތަކަށް ފައިސާ ބަލައިގަތުމާއި ހިއްސާ އޮލޮޓް ކުރުމާއި ސެކިއުރިޓީ ޑިޕޮޒިޓަރީގައި ހިއްސާ ޖަމާކުރުމާއި ބޭންކް އެކައުންޓް ނުގެންގުޅުއްވާ ފަރާތްތަކަށް އެކައުންޓް ހުޅުވައިދިނުން ފަދަ ކަންކަން ކޮށްދިނުން ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.
ދިރާގުގައިވާ ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެ ތެރެއިން 15 ޕަސެންޓް ހިއްސާ ކަމުގައިވާ 11.4 މިލިއަން ހިއްސާ އިއްޔެ ވަނީ ވިއްކަން ފަށައިފަ އެވެ. ހިއްސާއެއް ވިއްކާ އަގަކީ 80ރ. އެވެ.