23 Jan 2019, 15:19
މާލެ އާއި ހުޅުމާލެ ގުޅޭ ސިނަމާލެ ބުރިޖުއާ ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކެެއްގެ ފައި ބިނދި ކަށިގަނޑު ބޭރަށް ނުކުމެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު އާޝިޔާ ސޯލިހު މިއަދު ސަން އަށް ވިދާޅުވީ، ބުރިޖު މަތިން އެކްސިޑެންޓެއް ހިނގައިގެން މިއަދު މެންދުރު 2:55ގައި 61 އަހަރުގެ ފިރިހެނަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ވާއަތު ފައިގެ ކުޑަހުޅުގެ ކަށިގަނޑު ވަނީ މަސަގަނޑުން ބޭރަށް ނިކުމެފައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ހައިވޭ މަތިން ވޭނެކާއި ސައިކަލެއް ޖެހި އެވެ. އަދި އަނިޔާވެފައި ވަނީ ސައިކަލުގައި އިން މީހާ އަށެވެ. އަދި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ސަރަހައްދުގައި ހައިވޭ މަތީގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލެއްގަ އެވެ.
ބުރިޖުގައި ނުރާއްކާތެރި އެކްސިޑެންޓެއް ހިނގި އިރު މިއަދު ހެނދުނު ހުޅުމާލޭގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައި ދެބައި އުމުރުގެ ދެ ފިރިހެނުންނަށް އަނިޔާ ވެފަ އެވެ.
ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެފައިވާ އިރު، ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ. އެ ސްޕީޑްގައި ބުރިޖު މަތީގައި ދުއްވާ އިރު އެންމެ ރައްކާތެރި ގޮތަކީ ހެލްމެޓް އަަޅައިގެން ދުއްވުން ކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީއާއި ޕޮލިސް ސާވިސްއިން ބުނެ އެވެ. އަދި މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖް ހުރަސް ކުރެވޭނީ ހެލްމެޓް އަޅިއިގެންނެވެ.