23 Jan 2019, 15:11
އުރީދޫ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ލިބޭ ހުރިހާ ހިދުމަތްތަކެެެއް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ އިންތިޒާމު އުރީދޫ އިން ހަމަޖައްސައިފި އެވެ.
އުރީދޫ އިން މިއަދު ބުނީ ސުމޭކީ ވަސީލަތްތަކާ އެކު ސުޕަނެޓުގެ ހިދުމަތް ލިބޭ ރަށްރަށުގައި ތިބެގެން އެ ހިދުމަތަށް އެދި އުރީދޫގެ ޕާޓްނާ ފިހާރަތަކަށް ހުށަހެޅޭނެ ކަމަށާއި އެ ފިހާރަތަކުން އުރީދޫގެ ހިދުމަތްތަކާއި ބިލްތަކާ ބެހޭ މައުލޫމާތުދީ، ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
"ސުމޭކީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާއި ހަމައަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް، ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތަކާއި ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށް ވެސް، އަޅުގަނޑުމެން މިދަނީ ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން،" އުރީދޫ އިން ބުންޏެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް، އުރީދޫގެ ކޮންމެ ޚިދުމަތެއް ޚިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށް، ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށް ވެސް އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ކުންފުނި ފަހުރުވެރިވާ ކަމެއް ކަމަށް އުރީދޫ އިން ބުންޏެވެ.
"ޒަމާނީ ޓެކްނޮލޮޖީތަކާއި އީޖާދީ ހިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާ އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއް ވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް،" އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫގެ ކަސްޓަމަރުންނަށް އެއް ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫ އިން އަބަދު ވެސް އަހަމިއްޔަތުކަންދޭ ކަމެއް ކަމަށް އެކުންފުނިން ބުންޏެވެ.
މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ފަދަ ސުމޭކީ ޕްލެޓްފޯމްތައް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ތަނަކު ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް އުރީދޫގެ ހިދުމަތް ހޯދޭނެ އެވެ. އަދި 2018 ވަނަ އަހަރުގައި އުރީދޫގެ އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ ސުމޭކީ މުއާމަލާތްތައް ދެގުނަވެފައިވާ ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ޕާޓްނަރުންނާ އެކު، އުރީދޫ އިން މަސައްކަތް ކުރަނީ އަމަލީ ގޮތުން އެހީ ބޭނުންފުޅުވާ ކަސްޓަމަރުންނަށް ވެސް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އުރީދޫގެ ކަސްޓަމަރުންގެ ތަޖުރިބާތައް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ޓަކައި، އެކުންފުނިން ހިިދުމަތްތަކާއި ހިދުމަތް ފޯރުކޮށްދޭ ގޮތަށް އީޖާދީ ބަދަލުތައް ގެނެސް ކުރިއަރުވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.