23 Jan 2019, 13:35
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަސައްކަތް ކުރުމަށް ޕީޕީއެމްގެ މެންބަރުން ތިބީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި އެގޮތުން މިއަދު އެމަނިކުފާނާއިއެކު ބޭއްވި ބައްދަލުވުމަކީ އެކަމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުރަސް އަޅާ ކަމަށް ބުނެ ޕީޕީއެމްގެ މަޖިލިސް މެންބަރުން މިއަދު ވަނީ ގާސިމް އިބްރާހިމްއާ މަޖިލިސް ކުރާ ގޭގައި ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމާއި ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ބައްދަލުވުމުގެ މަގުސަދު ހާސިލްވި ކަމަށެވެ. އަދި ނިހާން ވަނީ ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ގާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރައްވަނީ --- ފޮޓޯ: އަހްމަދު ނިހާން ހުސައިން މަނިކު
އެގޮތުން ގާސިމް އިބްރާހިމްއަކީ ވަރަށް ގިނަ ކަންތައްތަކެއްގެ ސިޔާސީ ހައްލު ހޯދަވައިދެއްވޭނެ ބޭފުޅެއްކަން ނިހާން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ފަރުދީ ގޮތުން މިވަގުތު އެންމެ މުހިންމު ނިންމުންތަކެއް ނިންމޭނެ ބޭފުޅަކީވެސް ގާސިމް އިބްރާހިމް ކަމަށެވެ.
"އެހެންވީމަ އެމަނިކުފާނު [ގާސިމް]އާ އެކުގައި މަސައްކަތްކުރުމަށް ޕީޕީއެމްގެ ހަމަ ހުރިހާ މެންބަރުންވެސް ތިބީ ވަރަށް ބޮޑަށް ބޭނުންވެފައި. އެ ދޮރު އިރާދަކުރެއްވިއްޔާ ހުޅުވިގެން މިދިޔައީ. މިއީ އެ މަސައްކަތް ފެށުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިހާން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގާސިމްއާ ބައްދަލުކުރި ނަމަވެސް ކުރިއަށް އޮތްތާންގައި ދެ ޕާޓީގެ ދެމެދުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީން މަސައްކަތްކުރި ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި އެމްޑީޕީ ވަކިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމުމުން ދެ ޕާޓީގެ ދެމެދުގައި ވަނީ މައްސަލަ އުފެދި ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވިފައެވެ.
އަދި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއި އެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް ގާސިމް އިބްރާހިމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެކަމަށް ޕީޕީއެމްގެ ފަރާތުން ވަނީ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.