23 Jan 2019, 13:19
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އިސްލާހުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ބިލު އެކުލަވާލުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެ ޤާނޫނު އިސްލާހުކުރުމާމެދު އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ހުޅުވާލާފައިވާ ކަމަށެވެ.
އެލްޖީއޭއިން ވަނީ ހިޔާލު ހޯދުމުގެ އޮންލައިން ފޯމެއް އެކުލަވާލާފައެވެ. މީގެ އިތުރުން އީމެއިލްގެ ޒަރިއްޔާއިންވެސް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ގާނޫނު އިސްލާހުކުރުމަށް މިހާތަނަށް ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ލާމަރުކަޒުކުރުމުގެ ދާއިރާގެ ބައެއް މާހިރުންނާ ބައްދަލުކޮށް، އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރެއާއި، ދެކުނުގެ ބައެއް ރަށްރަށަށް އަދި ސިޓީތަކަށް ޒިޔާރަތްކޮށް، އެ ރަށްރަށާއި ސިޓީތައް ނިސްބަތްވާ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމިއްޔާތަކާއި، އާންމު ބައެއް ފަރާތްތަކާ ބައްދަލުކޮށް، ހިޔާލު ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި އޭޖީ އޮފީސް ގުޅިގެންނެވެ.