އިޔާދަކުރި މުސާރަ ނުދީ މަޖިލީހުގެ ކޮމެޓީ އެލަވަންސަށް 20000ރ. ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށާއި އެ ދައުވާ ކޮށްފައި ވަނީ ފިނޭންސް މިނިސްޓަރަށް ގާނޫނީގޮތުން ލިބިދީފައިވާ ބާރެއް ހުއްޓުވަން ކަމަށް ދައުލަތުން ބުނެފި އެވެ.

ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ނުދެނީސް މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ނިންމަވާފައިވާ 20000ރ. ގެ ކޮމެޓީ އެލަވަންސް ދޫ ނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފައި ވަނީ ސ. މަރަދޫ ޕެންޒީމާގޭ މާހު ޖަބީނެވެ.

މި މައްސައިގެ ޝަރީއަތުގެ އަޑުއެހުމުގައި މާހު ޖަބީންގެ ދައުވާއަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން އިޔާދަކުރި ފައިސާ ދިނުގެ މައްސަލަ ދައުލަތުން މިހާރު ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާތީ، އެ މައްސަލައަށް ވަކިގޮތެއް ނުނިމެނީސް އެ މައްސަލައާއި ގުޅުންހުރި ކަމެއްގައި ކޯޓުގައި ދައުވާ ނުކުރެވޭނެކަމަށެވެ. އެ މައްސަލައަކީ ވަޒީފާއާއި ގުޅުންހުރި، މުސާރައިގެ މައްސަލައަކަށްވާތީ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާއިރު އެ ބާރު މަޖިލީހުގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލިއްޔަތު ގާނޫނޫގެ ދަށުން މާލީ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު މާލީވަޒީރަށް ލިބިދީފައިވާތީ، އެ މައްސަލައަކީ މާލީވަޒީރަށް ގާނޫނީގޮތުން ލިބިދީފައިވާ ބާރެއް ހުއްޓުވުމަށް މާހު ޖަބީން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މާހު ޖަބީންގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވަނީ ދައުލަތުގެ ވާހަކަތަކަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ކޯޓުގައި އެދި ވަޑައިގެން އެފުރުސަތު ހޯއްދަވާފަ އެވެ.

އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.